އެމްޑީޕީގެ ރައީސް. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ގެ ފަރާތަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސްމެމްބަރ އިބްރާހީމް ޝަރީފް ފާޑު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ދައުލަތުގެ މާލިއްޔަތަށް ޚަރަދު ބޮޑުކޮށް އިނދަޖައްސާލުމުގެ ނިޔަތުގައި ކޮންމެ ދުވަހަކު "ފިކުރެއްގެ ދިރުން" އިން މަޖިލީހަށް ހުށަހަޅާ ޕޮޕިޔުލިސްޓް ގަރާރުތަކަކީ ޒިންމާދާރު ބަޔަކު ކުރާނޭ ކަމެއްނޫން. ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާއި، ފިތުނަވެރިކަން ބޮޑުވުން ނޫންކަމެއް ނުވޭ،" ކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ އެ ގަރާރުތަކުގެ ބޭނުމަކީ މުޅި ދައުލަތް ޚަރާބު ކޮށްލުން ކަމަށެވެ. އެގަރާރުތަކަކީ މުޅި ދައުލަތުގެ ޚަރަދު ބޮޑުކުރަން ޖެހޭކަހަލަ ގަރާރުތަކެއް ކަމަށާއި ބޭނުމަކީ ޖެއްސުން ކުރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ ހުރިހާ ދެރައެއް އާޚިރުގައި ލިބެނީ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.