ގުދުސްގައި ޒަޔަނިސްޓް ސިފައިން އިއުތިކާފަށް ތިބި މީހުންނަށް ހަމަލަ ދިން މައްސަލާގައި ސަލާމަތީ މަޖިލީހުން މިއަދު ބައްދަލު ކުރާނެއެވެ. ކައުންސިލްގައި އަރަބި ލީގުގެ މަންދޫބު، ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ޗައިނާގެ އެދުމަށް ބާއްވާ ޖަލްސާ ވަނީ ސިއްރުކޮށްފައެވެ.
މިއީ މީގެ ތިން މަހަށް ވުރެ ކުޑަ ދުވަސްކޮޅެއް ކުރިން އެކުލަވާލި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ސަރުކާރު އުފެދުނު ފަހުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުން ބާއްވާ ހަތަރު ވަނަ ކުއްލި ޖަލްސާ އެވެ.
މީގެ ކުރިން ކުއްލި ބައްދަލުވުންތައް ބާއްވައިފައިވަނީ ހަރުކަށި ކަނާތުފިޔައިގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވިރް މަސްޖިދުލް އަގްސަގެ ހަރިންމައަށް ވަނުމާއި ނާބުލުސްއާއި ޖެނިންގައި އިޒްރޭލު ސިފައިން ދިން ހަމަލަތަކަށް ފަހުއެވެ.
މިއަދުގެ ޖަލްސާގައި ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް އެންމެ ފަހުގެ ކަންތައްތަކާ ބެހޭ މައުލޫމާތު ދެއްވާނީ އދން މެދުއިރުމަތީގެ ސުލްޙައަށް ކަނޑައަޅާ ފައިވާ މަންދޫބު ތޯރް ވެންސްލެންޑެވެ.
އަލްއަގްސާގެ ހަމަނުޖެހުންތައް ކުށްވެރިކުރައްވަމުން ތުރުކީ ރައީސް ރަޖަބް ތައިބް އުރުދުޣާން ވިދާޅުވަނީ އިސްރާއީލުން ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށެވެ.
އުރުދުޣާން ވިދާޅުވީ މި ހަމަލާތަކާ ފަލަސްތީނު މީހުން ކުރިމަތިލާއިރު ތުރުކީއަށް ހިމޭނުން ނުހުރެވޭނެ ކަމަށެވެ.