މިއަހަރު ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ސަރުކާރު ކޯލިޝަންގެ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ވާނޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭ ކަމަށް އިޢުލާން ކޮށްފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ރައްޔިތުން ވޯޓުދޭއިރު ނިމިގެންދާ ފަސް އަހަރުގެ ނަތީޖާއަށް ބަލާނޭ ކަމަށެވެ. އެގޮތަށް ބަލާއިރު ރައްޔިތުން އުންމީދުކުރި ވަރާގާތަށް ވެސް ކޯލިޝަން ސަރުކާރަށް ނަތީޖާ ނެރެވިފައި ނުވާކަމަށެވެ. އަދި ކޯލިޝަން ސަރުކާރަށް ނުވަތަ ކެންޑިޑޭޓަށް ވޯޓު ދޭންނުޖެހޭ އެތައް ސަބަބުތަކެއް ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ޢުމަރު ނުދެއްވައެވެ. "ސަރުކާރު ކޯލީޝަންގެ އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމަށް ނުދެކެން،" އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުގައި ވެސް އަދި ދެވަނަ ބުރުގައި ވެސް އޭނާ އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހައްދަވާނޭ ކަމަށެވެ. "އިންތިޚާބު ކާމިޔާބު ނުވެއްޖެ ކަމަށްވާނަމަ އެ ހިސާބުން ހުންނާނީ ގޭގައި. އެއްވެސް ބައެއްގެ ފަހަތަށް އެރުމމެއްނެތް. މިއީ އެންމެކުރީން ވެސް އަޅުގަނޑު ދައްކަމުން އައިވާހަކަ،" ޢުމަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއެކު ކޯލީޝަން ހެދުމުގެ ދައުވަތު ވަނީ ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވައިފައެވެ. އޭގެ ތެރެއިން އެދަޢުވަތު ގަބޫލުކުރައްވާފައިވަނީ ޢަދާލަތު ޕާޓީން އެކަންޏެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ޖުމްހޫރީޕާޓީ އަދިވެސް އޮތީ މަޝްވަރާގައެވެ. އެ ދެފަރާތުން ނިންމާފައިވާ ގޮތެއް ރަސްމީކޮށް އަދި އިޢުލާނެއް ނުކުރެއެވެ. އެހެންނަމަވެސް އެ ފަރާތުން ވަނީ އެކީގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.