ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމަގާމްތަަކުގައި ތިިބެވޭނީ ސަރުކާރަށް ތާއިދު ކުރާ ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އެހެންނޫނީ ސިޔާސީ މަގާމްތަކުންް ވަކުކުރެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ކުރިންވެސް ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކަކީ ސަރުކާރުގެ ސިޔާސަތުތައް ރައީސް އަންގަވާ ގޮތަށް ތަންފީޒު ކުރެއްވުމަށް ރައީސް އައްޔަން ކުރައްވާ މަގާމުތަކެއް ކަމަށެވެ. އެ ސިޔާސަތަށް ތާއީދު ނުކުރާކަމަށްވަނަމަ އެމަގާމުތަކުގައިި ނުތިބެވޭނޭ ކަމަށް ކުރިން ވެެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު ވަނީ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވެސް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރައްވައިފައެވެ. އޭގެ އިތުރުން އެސްޓީއޯގެ އެމްޑީ މަގާމުން ހުސައިން އަމްރުވެސް ވަނީ ވަކިކުރައްވައިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެހެން ބޭފުޅުންވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކުރައްވައިފައެވެ. ސަަރުކާރުގެެ ސިޔާސަތު ތަކަށް ތާއިދުނުކުރައްވައި ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުން މަގާމުތަކުން ވަކިކުރެއްވުމަކީ ވަޒީފާގެ ބިރު ދެއްކުން ނޫންކަމަށް ވެސް މިއުވާން ވިދާޅުވިއެވވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީ ވަނީ ދެފަޅިވެފައެވެ. އެއްފަޅީގައި ހުންނެެވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ރިޔާސީ ޓިކެޓް ހޯއްދެވި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އަނެއްފަޅީގައި ހުންނެވި އެޕާތީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު ކުރިއަށް ވަޑައިގެންނެވުމުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކޮށް އެ ސިޔާސަތުތައް ތަންފީޒު ކުރައްވާ ބޭފުޅުން ސިޔާސީ މަގާމުތަކުގައި ތިއްބަވާނޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ހިންގުމަށް ދަތިކޮށް ހުރަސް އަޅާކަމަށްވާނަމަ ވަކިކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.