ޗައިނާއިން އެންމެ ބޮޑަށް ނުފޫޒު ފޯރުވާ 82 ގައުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޕާކިސްތާން ކަމަށް ޓައިވާންގައި ހުންނަ އެންޓި ޑިސިންފޯމޭޝަން ގްރޫޕް ޑަބަލް ތިންކް ލެބްގެ ޗައިނާ އިން ދަ ވޯލްޑް ނެޓްވޯކުން ކުރި ދިރާސާއަކުން ދައްކައެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގައި ކޮށްފައިވާ އެހެން ދެ ދިރާސާއަކުންވެސް ޕާކިސްތާންގެ މި ހާލަތަށް ވަނީ އަލިއަޅުވާލާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގައި ޝާއިއުކުރި ދިރާސާއިން ދައްކާ ގޮތުގައި ޕާކިސްތާނުގައި ޗައިނާގެ ނުފޫޒު އެންމެ ބޮޑަށް ވަދެފައި ވަނީ ޓެކްނޮލޮޖީއާއި ޚާރިޖީ ސިޔާސަތާއި އަސްކަރީ ދާއިރާތަކަށެވެ.
މި ތިން ދާއިރާގައި ޗައިނާގެ ނުފޫޒު އޮތްކަމަށް ފާހަގަކޮށްފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގެ ސްޓިމްސަން ސެންޓަރުގެ ސީނިއާ ފެލޯ ސަމީރު ލަލްވާނީ ލިޔުއްވާފައިވާ "އަ ތްރެޝްހޯލްޑް އެލަޔަންސް: ދަ ޗައިނާ-ޕާކިސްތާން މިލިޓަރީ ރިލޭޝަންޝިޕް" ގެ ނަމުން 22 މާޗްގައި ޝާއިއު ކުރި ދިރާސާ ރިޕޯޓްގައެވެ.
ޔޫއެސްއައިޕީގެ ހާއްސަ ރިޕޯޓުގައި ބުނާ ގޮތުން ފާއިތުވި ދިހަ އަހަރު ތެރޭގައި ދެކުނު އޭޝިއާއަށް އައިސްފައިވާ ޖިއޮޕޮލިޓިކަލް ބަދަލުތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ވާދަވެރިކަން ބޮޑުވެފައި ވެއެވެ. ހަމަ އެފައްތަރުގައި ޗައިނާ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވެސް ވެއެވެ.
2021 ވަނަ އަހަރު އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން އުފެދުނު ހުސްކަމަކީ، ޗައިނާ އާއި ޕާކިސްތާނުގެ ސިފައިން އިތުރަށް ގާތް ވުމަށް ބާރަކަށްވި ކަމެކެވެ. އެއަށްފަހު ދެ ގައުމުގެ އެއްގަމުގެ ސިފައިންނާއި ކަނޑުގެ ސިފައިން ދަނީ އަސްކަރީ ސާމާނު ހިއްސާކުރުމާއި، އަދި އޭގެ އިތުރުން ތަޖުރިބާ ހޯދުމަށް ޖޮއިންޓް އެކްސަސައިޒްތަކުގައި ބައިވެރިވެ މުވައްޒަފުންނާއި އޮފިސަރުން ބަދަލުކުރުމުގެ ތެރެއިން ގާތުން މުއާމަލާތްތަކެއް ހިންގަމުންނެވެ.
ޕާކިސްތާނުގެ ހުޅަނގު އައްސޭރިފަށުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނިކުތުމަށް ޗައިނާއަށް އަސްކަރީ ބާރު ދެއްކުމުގެ ފުރުސަތު ބޮޑުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
އޭގެ އޮތުރުން ޗައިނާއާއި ޕާކިސްތާނުން ދަނީ ހަތިޔާރު ބަދަލުކުރުމުގެ ދާއިރާއިން، ފާއިތުވި ދިހަ އަހަރު ތެރޭގައި ބަދަހި ގުޅުމެއް ބާއްވާފައެވެ. ޗައިނާ ވެފައިވަނީ އަގުގެ ނިސްބަތުން ބަލާއިރު ޕާކިސްތާނުގެ އެންމެ މުހިންމު އަދި އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަށް ވެފައެވެ. 2015 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން އެތެރެކުރާ ހުރިހާ ހަތިޔާރެއްގެ 75 އިންސައްތައާ ގާތްކުރާ އަދަދަކަށް ހަތިޔާރު ފޯރުކޮށް ދެނީ ޗައިނާއިންނެވެ.
މިސާލަކަށް ބަލާއިރު، ޕާކިސްތާނަށް އެމެރިކާއިން ވިއްކާފައިވާ ތިން އެފް-16 އިގެ މަތިންދާބޯޓުގެ ފަޔަރ ސްކޮޑްރަން ބަލާއިރު ކޮންމެ ސްކޮޑްރަންއެއްގައި ވެސް 18ން 24 މަތިންދާބޯޓު ހިމެނޭ އިރު ބޮޑު ބަޔަކީ ޗައިނާގެ ޓެކްނޮލޮޖީއެވެ.
ޗައިނާގެ ޖޭއެފް-17 މަލްޓިރޯލް ކޮމްބަޓް މަތިންދާބޯޓު ފަދަ ބޯޓުތަކަކީ ޕާކިސްތާނުގެ ޒަމާނީ ހަނގުރާމަ މަތީ ފްލީޓުގެ އެންމެ ބޮޑު ހިއްސާއެވެ. އަދި ޗައިނާއިން ފޯރުކޮށްދޭ އެފް-7 އަކީ ކުރު ޜާސްތާގެ ވައިގެ މަގުން ހަނގުރާމަ ކުރުމަށް ފަރުމާކޮށްފައިވާ އެޓޭކް އެއާކްރާފްޓް މައި ބަދައެވެ. އޭގެ އިތުރުން ޕާކިސްތާނުގެ ދިފާއީ ގާބިލުކަމަށް ޗައިނާއިން ވެދޭ އެންމެ މުހިއްމު ޙިއްޞާއަކީ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމްގައި ޗައިނާއިން ވެދޭ އެހީތެރިކަމެވެ.
ޗައިނާއާއި ޕާކިސްތާންގެ އަސްކަރީ ގުޅުމުގެ ތެރޭން ޕާކިސްތާނުން ވަނީ ޗައިނާއަށްވެސް ބައެއް ޓެކްނޮލޮޖީތައް ފޯރުވައި ދީފައެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނަށް ވެއްޓުނު ގޮވާފައި ނުވާ އެމެރިކާގެ ޓޮމާހޯކް މިސައިލްތައް ޕާކިސްތާނުން ވަނީ ޗައިނާއާއެކު ބަދަލުކޮށްފައެވެ. އެއިން ޗައިނާގެ މިސައިލް ޕްރޮގްރާމަށް ޕާކިސްތާނުން މަގުފަހިކޮށް ދީފައި ވެއެވެ. އަދި ޗައިނާއިން ވައިގެ ތެރެއިން ފޮނުވާލާ ކޭޑީ-20 ކްރޫޒް މިސައިލާއި ބިމުން ފޮނުވާލާ ޑީއެޗް-10 ކްރޫޒް މިސައިލް އުފެއްދުމަށްވެސް ޕާކިސްތާނުން އެހީތެރިވެ ދީފައި ވެއެވެ.
ޗައިނާއިން ވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕާކިސްތާނުގެ ބާބަރު މިސައިލްތައް އުފެއްދުމަށް އެހީތެރިވެ ދީފައެވެ. އޭގެ އިތުރުން ޕާކިސްތާނުން ވަނީ 2011 ވަނަ އަހަރު އުސާމާ ބިން ލާދިން މަރާލުމަށް އެބޮޓާބާދުގައި އެމެރިކާއިން ހިނގި ސިއްރު މިޝަންގައި ވެއްޓުނު ބްލެކް ހޯކް ހެލިކޮޕްޓަރުގެ ސާމްޕަލް ފޯރުކޮށްދީގެން ޗައިނާއަށް ސްޓެލްތު ޓެކްނޮލޮޖީ ހޯދުމަށް ފުރުސަތު ދީފަ އެވެ.
2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޕާކިސްތާނުގެ އޭރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާ ވަނީ ޗައިނާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ދެގައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރާ "ހަތިޔާރު ހިފައިގެން ތިބި އަޚުން" ކަމަށް ސިފަކުރައްވާފައެވެ.
ޕާކިސްތާނުގެ ސިފައިންނާ ބެހޭ ތަޖުރިބާ ކާރެއް ކަމަށްވާ އަދި އެކަމާ ބެހޭ ގޮތުން ފޮތް ލިޔުއްވާފައިވާ ލަންޑަންގެ ކިންގްސް ކޮލެޖުގެ ޑިޕާޓްމަންޓް އޮފް ވޯރ ސްޓަޑީޒްގެ ސީނިއާ ފެލޯ އައިޝާ ސިއްދީގާގެ ދިރާސާގައިވެސް ޕާކިސްތާން ސިފައިންނާއި ޗައިނާ ސިފައިންގެ ގުޅުމާ ބެހޭ ގޮތުން އެފަދައިން ލިޔުއްވާފައި ވެއެވެ.
މި ހަފްތާގެ ކުރީކޮޅު އޭނާ ޝާއިއުކުރި ދިރާސާއެއްގައި "ޕާކިސްތާން ޗައިނާގެ ނުފޫޒުގެ ތެރެއަށް ނުރައްކާތެރި ގޮތެއްގައި ފުންކޮށް ވެއްޓިއްޖެ" މި ނަމުގައި ލިޔުއްވި ދިރާސާއެއްގައި ވިދާޅުވަނީ ހުޅަނގުގެ ގައުމުތަކުން ހޭލައި ސާމާލުވާން ވެއްޖެ ކަމަށެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޗައިނާއާއި ޕާކިސްތާނުގެ ގުޅުމަކީ ދެ ކަމެއް ހިމެނޭ ގުޅުމެކެވެ. ޗައިނާގެ އިގްތިސާދީ ބާރު ދެއްކުމަށާއި ޕާކިސްތާންގެ އިގްތިސާދީ ކުރިއެރުމަށް ޕާކިސްތާނަށް ޗައިނާ މުހިންމެވެ. ސީޕެކް ޕްރޮޖެކްޓަކީ އެ ރޮނގުން ދެ ގައުމަށްވެސް ފައިދާ ބޮޑު ޕްރޮޖެކްޓެކެވެ. އަދި މި ގުޅުމުގެ ދެވަނަ ކަމަކީ، އަޖުމަ ބެލިފައިވާ ސަގާފީ އަސްކަރީ ސަލާމަތީ ގުޅުމަކުން ދެ ފަރާތް ބަނދެވިފައިވާ ކަމެކެވެ.
1960 ގެ އަހަރުތަކުން ފެށިގެން ޗައިނާއަކީ ޕާކިސްތާނަށް ހަތިޔާރު ފޯރުކޮށްދޭ މުހިންމު އެއް ގައުމެއް ކަމުގައި ވިނަމަވެސް، މިއަދު ޕާކުސްތާނަށް ވަނީ ކުރިއަށްވުރެ ފުންކޮށް ޗައިނާއަށް ބަރޯސާވާން މަޖުބޫރުވެފައެވެ. އިގްތިސާދީ ސަބަބުތަކަކީ އޭގެ މައިގަނޑު ސަބަބެވެ.
އައިޝާ ސިއްދީގާ ފާހަގަ ކުރައްވާ ގޮތުގައި އިންޑިއާއާއި ޕާކިސްތާން ތަފާތު ވަނީ އެހެންވެއެވެ. ޕާކިސްތާނަކީ ގިނަ އަސްކަރީ ގުޅުންތަކެއް އޮންނަ ގައުމަކަށް ނުވުމުން ޕާކިސްތާނަށް ޝޮޕިން ލިސްޓަކާއެކު ގޮސް އޮފް ދަ ޝެލްފް ގޮތަކަށް ހަތިޔާރު ގަނެވޭފަދަ ގައުމުތަކެއް ނެތެވެ.
އެއާ ޚިލާފަށް އިންޑިއާއަކީ އެކި ގައުމުތަކާއެކު އަސްކަރީ ތަމްރީންތައް ބާއްވާ އެތައް އަސްކަރީ ގުޅުމަކުން ބަނދެވިފައިވާ ގައުމެއް ކަމުން އިންޑިއާއަށް ހަތިޔާރު ހޯދަން ފަސޭހަ ވެއެވެ. އެހެންވެ، ޕާކިސްތާނަށް އޮތް އިޚުތިޔާރަކީ ޗައިނާއެވެ. އެހެންވެ ޗައިނާގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް ޕާކިސްތާން ވެފައި ވަނީ އެވެ.