އިއްޔެ ހަވީރު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެރަށަށް އަރައި ރަށުން ފޭބުން މަނާކޮށްފިއެވެ.

މަނަދޫ ކައުންސިލް ރައީސް އަބްދުއްރަހްމާނު ސަބީހު "ހަލި" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި އަންހެންމީހާއަކީ ރަށު ކައުންސިލުން ރަށުތެރެ ކުނިކަހައި ކުނި ނެގުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ މުވައްޒަފެއް ކަމަށެވެ. އެމީހާގެ އާއިލާގެ މީހުންނާއި ތިމާގެ މީހުންވެސް ރަށުގައި އުޅޭކަމަށް ސަބީހު ވިދާޅުވިއެވެ. އަދި ދަރިފުޅެއްވެސް ހުންނަ ކަމަށާއި ނަމަވެސް ދަރިފުޅު ހުރީ ރަށުން ބޭރުގައި ކަމަށެވެ. ބުރާސްފަތި ދުވަހު އަންހެންމީހާ ވަޒީފާއަށް ނުނުކުންނާތީވެ އޭނާ އެކަނި ދިރިއުޅޭ ގެއަށް އެދުވަހު ދިޔަ ކަމަށާއި ނަމަވެސް ދޮރު ނުހުޅުވުމާއި ހަބަރެއް ނުވާކަމަށެވެ. އަދި އިއްޔެ(ހުކުރުދުވަހު)ވެސް ނުފެންނާތީވެ އެންމެފަހުން، އާއިލާއިން ރިޕޯޓުކޮށްގެން ފުލުހުން އެގޭ ދޮރު ހަލާކުކޮށްގެން ގެއަށް ވަދެ ބެލިއިރި އެއަންހެންމީހާ އޮތީ މަރުވެފައި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ފުލުހުން ވިދާޅުވި ގޮތުގައި މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނަކުގެ ހަބަރެއް ނުވާތީވެ އޭނާގެ އާއިލާއިން އިއްޔެ، 7 އޭޕްރީލް ވީ ހުކުރު ދުވަހު 18:13 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެގެއަށް ގޮސް، އެގޭ ކޮޓަރީގެ ދޮރު ވައްޓާލާ ވަދެ ބަލައިލިއިރު އަންހެންމީހާ އޮތީ ބިންމަތީގައި ކަމަށާއި މަރުވެފައި ކަމަށް ފުލުހުން ހާމަކުރިއެވެ.

މަރުވެފައި އޮއްވާ ފެނުނު އަންހެންމީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެނުނު ކަމަށް ކަށަވަރުވާ ކަމަށް ބައެއް މީޑިޔާތަކުގައި ހާމަކޮށްފައިވާތީ "ހަލި" ނޫހުން މަނަދޫކައުންސިލް ރައީސާ ސުވާލުކޮށްލުމުން ރައީސް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާކަމަށެވެ. އަދިވެސް އިތުރަށް ވިދާޅުވި ގޮތުގައި އަންހެންމީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އެ ރަށުން ބޭރަށް ބަޔަކު ފުރާ ނަމަ އަދި އެ ރަށަށް ދާ ނަމަ، ފުލުހުންގެ ހުއްދަ ހޯދުމަށް ރަށު ރައްޔިތުންނަށް ވަނީ އަންގާ އިއުލާންކޮށްފައެވެ.

"ހުއްދަ ލިބިގެން ރަށަށް އަރައި ފޭބޭނެ. މައްސަލަ ތަހުގީގު ކުރާތީ ފުލުހުން އަންގާފައިވާ އެންގުމެއް." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.