ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެއް ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ. މި އަހަރު އެއް ވަނަ ދަރަޖައިގައި ފާސްވެފައިވަނީ ހަތަރު ޙާފިޡުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، ދެ ވަނަ ދަރަޖަ އަދި ތިން ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައެވެ.