ނ. މަދޫ ނައީމާ އުމަރު މަރާލި މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ވީހާވެސް އަވަހަކަށް ގެނައުމަށް އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އެދިވަޑައިގެންފިއެވެ.

ނާޒިމް ވިދާޅުވީ ނައީމާގެ މަރުގެ ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށެވެ. އެކަންކުރި މީހުން ހޯދައި އެމީހުންނަށް އަދަބު ދިނުން އަވަސް ކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ. "ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލަފައިވާ އަންހެނެއްގެ ޚަބަރު އަޑުއެހީ ފުންހިތާމައާއެކު. ވީއެންމެ އަވަހަކަށް މިކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބުދީ،" ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދޅުވެފައިވަނީ މީހުން މެރުން ރާއްޖޭގައި މިހާރު އާންމުވެއްޖެ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް ރައްޔިތުންނަށް އަމާންކަން ހޯދައިދެއްވުމަށް ވެސް އޭނާ ވަނީ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ނައީމާގެ މަރުގެ މައްސަލަ ބެލުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓް ގެ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.