އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމަށް ޒުވާނުންގެ ތާއީދު އޮތްވަރު ދައްކާލުމަށް ބާއްވާ ސައިކަލު ބުރެއް މިއަދު މާލޭގައި އޮންނާނޭ ކަމަށް އެމްއެންޕީން ބުނެފިއެވެ.

އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ވިދާޅުވީ މި ބުރުގައި 400 އެއްހައި ޒުވާނުން ބައިވެރިވާނޭ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި ވެސްޓް ޕާކު ސަރަހައްދުންނެވެ. ސައިކަލްބުރު ވެސްޓު ޕާކު ކައިރިން ފަށައިގެން ގޮސް ކާނިވަލާ ހިސާބަށް ދާނެއެވެ. އެހިސާބުން އަނެއްކާ އެނބުރި އަންނާނީ ވެސްޓު ޕާކު ސަރަހައްދަށެވެ.

ސައިކަލް ބުރު ކުރިއަށްދާއިރު ނާޒިމަށް ތާއިދު ކުރުމުގެ ގޮތުން ދޭތެރެދޭތެރެއިން ތަފާތު މެސެޖު އިއްވަމުން ގެންދާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

ސައިކަލް ބުރަށްފަހު ޕާޓީގެ ތަރުޖަމާނު މީޑިއާ އިންޓަރވިއުއެއް ދެއްވާނެއެވެ.