ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އިންސާފުވެރިވާނޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަގެނތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އިންތިޚާބު އިންސާފުވެރި ނުވާނޭ ކަމަށް ބެލެވެނީ ސަރުކާރާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ނުފޫޒު އެދާއިރާގެ ތިން ރަށުގެ މައްޗަށް އޮތް ބޮޑުކަމުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އިންތިޚާބަށް ނުފޫޒުފޯރުވައި ވޯޓު ހޯދުމުގެ ގޮތުން އެދާއިރާގެ ޒުވާނުންނަށް ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްޗެހި ބަހަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޯޗެއް ކަމާއި އޭގެ ތަފްސީލެއް ނާޒިމް ނުދެއްވައެވެ.

ނާޒިމް ވިދާޅުވީ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް އެދާއިރާގެ ރަށްރަށަށް ނުފޫޒު ފޯރުވަމުންގެންދާ ކަމަށެވެ. އެގޮތުން ވަޒީފާ ދިނުމާއި އެހެންކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ސަރުކާރުން ހުރިހާ ނުފޫޒެއް އިންތިޚާބަށް ފޯރުވަމުން ދަނީ. އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނޭ ކަމެއްނޫން. މިއީ އިންސާފުވެރި ހަމަހަމަ އުސޫލުން ބޭއްވޭ އިންތިޚާބެއް ކަމާމެދު ސުވާލު އުފެދޭ. ކެންޕޭން ދަތުރުތަކުގައި ސަރުކާރު ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ލޯންޗުފަހަރުވެސް ދަނީ ބޭނުންކުރަމުން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުރައިދޫދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި އެމްއެންޕީން ގެންދަނީ އެޕާޓީގެ ކެންޑިޑޭޓަށް ވެސް ވަރަށްފޯރިއާއެކު ކެމްޕޭން ކޮށްދެމުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.