އެމްއެންޕީން ރައްޔިތުންނަށް ވަމުންދާ ވައުދުތަކާއި ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދާނީ އެކިދިމާއިން ޚަރަދުތައް ކުޑަކޮށްގެން ކަމަށް އެޕާޓީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އިއްޔެ އެޕާޓީން ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ ސަރުކާރުތަކުން ވަރަށްބޮޑަށް އިސްރާފުކުރަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްރާފެއް ކުރަމުންދަނީ އާސަންދަ ފަދަ ޚިދުމަތްތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާސަންދައިންކުރަމުންދާ ބޭކާރު ޚަރަދު މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް އިންޝުއަރެންސް ކާޑެއް ރައްޔިތުންނަށް ތައާރަފް ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވަނީ ދިރާސާކުރުމަށްފަހު އެކަން ކުރެވޭނޭކަން އެނގިތިބެ. ނުފުއްދޭ ވައުދެއް ނުވެސްވާނަން އިރާދަކުރެއްވިއްޔާ. މިސާލަކަށް ހިޔާފުލެޓުތަކުގެ ކުލި ހަތަރުހާހަށް ތިރިކޮށްލެވޭނެޔޭ އަޅުގަނޑުމެން ދެންނެވީ ނެގި ލޯނާއި އެ ލޯނު އަދާކޮށް ނިންމަންއޮތް މުއްދަތަކަށް ބަލާފައި އެކަން ކުރެވޭނޭކަން ކަށަވަރު ކުރުމަށްފަހު،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ކުރިން ވަނީ އިންޑަސްޓްރީތައް ވަރުގަދަކޮށް އިތުރު އިންޑަސްޓްރީތައް އުފައްދައިގެން ވަޒީފާތައް އިތުރުކޮށް ރަނގަޅު އާމްދަނީއެއް ދައުލަތަށް ވައްދާނޭ ކަމަށް ވިދާޅުވެފައެވެ.