ދިވެހި ސިފައިންނަށް ނުދުއްވޭނޭ މަތިންދާ ބޯޓެއް ނުބެލެހެއްޓޭނޭ ބަނދަރެއް ނުބެލެހެއްޓޭނޭ ކަނޑެއް ރާއްޖޭގައި ނޯންނާނޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްއެންޕީ އޮފީހުގައި ބޭއްވި ބައްދަލު ވުމެއްގައި އުތުރު ތިލަފަޅުގައި ހަދާ ބަނދަރާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އޭރުވެސް މިހާރުވެސް އޭނާގެ ވިސްނުމަކީ މިއީ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހި ސިފައިންނަށް ނުބެލެހެއްޓޭނޭ ބަނދަރެއް، ރާއްޖޭގައި އޮންނާނޭ ކަމަށް. އަޅަނގަނޑެއް ގަބޫލެއް ނުކުރަން މިއަދު ސިފައިންނަށް ނުދުއްވޭނޭ މަތީންދާ ބޯޓެއް އޮންނާނޭކަމަށް. އަޅުގަނޑެއް ގަބޫލެއް ނުކުރަން ސިފައިންނަށް ނުބެލެހެއްޓޭނޭ ކަނޑެއް އޮންނާނޭ ކަމަށް،" ނާޒިމް ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ އުތުރުތިލަފަޅު ތިރީސް އަހަރަށް އިންޑިއާއަށް ކުއްޔަށްދީގެން އެކަންކަން ކުރުމަށް ދިވެހި ސިފައިންނަށް ދަސްކޮށްދިނުމަށް އިންޑިއާ ސިފައިން ތިބެންޖެހޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީން ވަރަށް ސާފުކޮށް މިދަންނަވަނީ ސިފައިންނަށް ބެލެހެއްޓޭނެ ބަނދަރުވެސް ސިފައިންނަށް ބެލެހެއްޓޭނެ އުޅަނދުފަހަރުވެސް، ސިފައިންނަށް ކަނޑުވެސް ބެލެހެއްޓޭނޭ. އެހެންވީމާ އުތުރުތިލަފަޅު އޮންނަވާނީ ދިވެހިސިފައިންގެ އަތްމަތީގައި،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެތަނަކީ ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ އުޅަނދުފަހަރު ބެލެހެއްޓުމަށްޓަކައި އަޅާތަނެއް ކަމަށެވެ. "އެއީ ދިވެހި ސިފައިންގެ އުޅަނދުފަހަރު އެހެލާ ބާލައި ތެޔޮއަޅާ ތަނެއް. އެތަން އޮންނަންވާނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި،" ނާޒިމް ވިދާޅުވިއެވެ.ނާޒިމް ވިދާޅުވީ އެ ބަނދަރުގެ ބިންގާ އަޅައި ފެށުމުގެ ހުރިހާކަމެއް ކުރެއްވީ އޭނާ ކަމަށެވެ. އެހެންނަމަވެސް އެތަން އިންޑިއާއަށްދީ އެތަނުގައި އިންޑިއާ ސިފައިން ތިބޭގޮތަށް ހަމަޖެހިފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރު އެބޭފުޅުންނަށް ފެންނަންހުރި ލިޔެކިޔުންތަކުން ވެސް އެތަން ތިރީސް އަހަރަށް ކުއްޔަށްދޭން ނިންމާފައިވާކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލިސްތެރެއިން ވެސް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެތަން ހަދަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށެވެ. އެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.