ޕިކަޕަކުންޖެހުނު ދިވެހި ފިރިހެނަކަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާ ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރ. މަޑުއްވަރީގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވަނީ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ހާދިސާ ހިނގާފައިވަނީ، ފަހަތަށް ޕިކަޕެއް ޖައްސަން އުޅެނިކޮށް އޭގެ ފަހަތުގައިހުރި އެ ފިރިހެން މީހާގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"އަނިޔާވި މީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ. މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ އެރަށު ފެންފިޔާޒުގޭ މީހެކެވެ.

މި ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.