ރ. މަޑުއްވަރީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) އަޙްމަދު އަސްލަމް، ނިޔާވުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.

އަސްލަމް ނިޔާވީ ފަހަތަށް ޖެއްސި ޕިކަޕެއް އޭނާގެ ގައިގައި ޖެހިގެން ލިބުނު އަނިޔާތަކަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަނިކޮށްނެވެ. "އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް (އަސްލަމް) ނިޔާވި ޚަބަރު މިކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ފުން ހިތާމައާއި އަސަރާއެކުއެވެ. މާތްﷲ އަހްމަދު އަސްލަމްގެ ފުރާނައަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވާށި،" ކޯލީޝަނުން ނެރެފައިވާ ތައުޒިޔާގެ ކުރު ބަޔާނުގައި ބުނެފައިވެއެވެ.

އަޙްމަދު އަސްލަމް ނިޔާވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، ރ. މަޑުއްވަރީ ރައްޔިތުންނާއި އަސްލަމްގެ އެކުވެރިންނަށް ޕީ.ޕީ.އެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާ ދަންނަވާ ކަމަށް ބަޔާނުގައި ބުނެެފައިވެއެވެ. އޭގެ އިތުރުން ކޯލިޝަންގެ ލީޑަރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށް ވެސް ބުނެފައިވެއެެވެ.

މާތްﷲ އެ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާކަމަށް ވެސް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.