ހަލި ދަރުބާރުގެ އެކުވެރިންނަށް އަހަރެންގެ ހަޔާތުން ބައެއް ހިއްސާކޮށްލަން މި ދަރުބާރަށް ހާޒިރުވީމެވެ. މިދަރުބާރުގައި ތަފާތު ލޯބީގެ ހާދިސާތައް އެކި ފަރާތްތަކުން ހިއްސާކުރަމުން އަންނާތީ އަހަރެންގެ ވާހަކަވެސް ތިޔަ ހެޔޮއެދޭ ފަރާތްތަކަށް ކިޔައިދޭން ބޭނުންވީއެވެ. އަހަރެންގެ ވާހަކައަކީ ހަމައެކަނި ލޯބީގެ ވާހަކައެއް ނޫނެވެ. މިއީ އަހަރެންގެ ދިރިއުޅުމުގެ ވާހަަކައެވެ. އަހަންނަށްޓަކައި އިރެއްގައި ދިރިތެޅުމަށް ވީ ހަޔާތުގެ ބައެއްގެ ވާހަކައެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަކީ ވަރަށް އާދައިގެ އާއިލާއެއްގެ ލޯބިވާ އަންހެންދަރިއެކެވެ. އަހަރެންގެ މައިންބަފައިންނަކީ އެހައި ތަނަވަސްކަންބޮޑު ބައެއް ނޫނަސް އެމީހުންގެ ފެންވަރުން ލިބިފައިވާ ގޯތީގައި އެމީހުންގެ ފެންވަރުން، އަހަރެމެން ދެބެންނަށް އުޅެވޭ ވަރުގެ ދެ ކޮޓަރި އަޅައިދިނެވެ. ދެބެއިންނަށް ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ބޭބެ ކައިވެނިކޮށް ފަހަރި ގޮވައިގެން އޭނާއަށް ލިބިފައި ހުރި ކޮޓަރީގައި އުޅެމުންދިޔައެވެ.

އަހަރެންގެ އުމުރުން 23 އަހަރުވީއިރުވެސް މީހަކާ ނީނދެ ހުރީ ލޯބީގެ ރަހަ ނޭނގޭތީތޯއްޗެކެވެ. ލޯބި ހުށަހަޅައި ހަނދުގެނެސް ތަރިބާލައިދޭން އެތައް ޒުވާނުންތަކެއް އައެވެ. އެކަމަކު އަހަންނަކީ އެހާ ފަސޭހައިން ފެންނައިރަށް ރީތި ނޫނީ "ހޭންޑްސަމް" ޒުވާނުންނަށް ލެބޭ ވަރަށް ވުރެ ހަރު ގޮތެއް ހުންނަ އަންހެނެއްކަމުން މިހެން އަންނަހާ ރޯމިޔޯ އިންނަށް ހިތްދޭކަށް ނޫޅެމެވެ. އެހެންނަމަވެސް އަހަރެންގެ އަލަތު ފިރިމީހާގެ ލޮލުގައި ހުރީ އާދަޔާ ހިލާފު ދަމާ ބާރެކެވެ. އޭނާގެ އަޑާއި ވާހަކަދެއްކުމުގައި ހުރީ ބުނެދޭން ނޭނގޭ ޖާދޫއެކެވެ. ބައްދަލުވީ ބޭބެގެ އެކުވެރިކަމުގައި އަހަރެމެންގެ ގޭގައި ބޭއްވި ކުޑަވަރެއްގެ ހަފުލާއަކަށް އައިސް އުޅެނިކޮށެވެ. ބޭބެއާއި ފަހަރިގެ އަލަތު ދަރިފުޅު، އަހަންނަށް ބޮޑުދައިތަ ކިޔާނެ ފުރަތަމަ ކޮއްކޮ އަދި އާއިލާގެ އަލަތު މާމަ، ކާފަ ދަރިފުޅަށް ނަންކިޔުމަށް ބޭއްވި ރަސްމިއްޔާތަށް އައި އެޒުވާނާއާ ބައްދަލުވުމާއެކު މިއީ އަހަރެންގެ ހުސްހިތުގެ ވެރިޔާކަން އެނގި ޔަގީންވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ހޭދަކުރާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންވެސް ތިބީ އަވަހަށް ދިރިއުޅުމެއް ފަށަން ބޭނުންވާ އުމުރުގައެވެ. އަހަރެން ކަހަލަ އާދައިގެ ވައްޓަފާޅިއެއް ހުންނަ، މޭކަޕާއި ފެޝަނާއި ދުރު އަންހެނަކާ އޭނަ ކަހަލަ ޒަމާނާއި ތަހުޒީބުގެ ކުލައިން ފެވިގެން ހުރި ޒުވާނަކު ކައިވެނި ކުރުމުން ތެލާއިފެނާ އެކުވީއޭ ކިޔާ ދިމާކުރި ރައްޓެހިން ތިއްބެވެ. އަހަންނަކީ ސޯޝަލްމީޑިޔާއަށް ވަރަށް ބީރައްޓެހި މީހަކީމެވެ. މުހިންމު ކަންތައްތަކުގައި އިންޓަނެޓުގެ ބޭނުން ކުރިނަމަވެސް އެފްބީއާއި އިންސްޓާ ގައި "ޕައުޓް"އުއްމީ ފޮޓޯތައް ހިއްސާ ކުރުމާއި ދިރިއުޅުން ސޯޝަލްމީޑިޔާގައި ދުއްވުމަކީ އަހަރެންގެ މިޒާޖާއި ފިތުރަތާ ގުޅޭ ކަމެއް ނޫނެވެ. އޭނާގެ ފޭސްބުކްއާއި އިންސްޓަގްރާމުގައި ހިއްސާ ކުރި ކައިވެނީގެ ހަމަ އެންމެ ފޮޓޯއަކަށް އެތައް ސަތޭކަ މެސެޖާއި ހާހުންހާހުން ރިއެކްޓް އައެވެ.

ވާނީވެސް އެހެންކަން އަހަރެންވެސް ގަބޫލު ކުރަމެވެ. އޭނާއަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރިއަކީ މިޔުޒިކާއި ފެޝަނެވެ. އެހެންވިއްޔާ އޭނާގެ ފޭނުންނާއި ފޮލޯވާސް ތިބޭނެއެވެ. ފެޝަންޑިޒައިނަރަކަށް ވުމުގެ އިތުރަށް އޭނާއަކީ މިޔުޒިކްގެ ދުނިޔޭގައި ނަމެއް އޮތް މީހެކެވެ. ގިޓަރިސްޓެކެވެ.

އޭނާއަށް މީހުންގެ ލޯތްބާއި ތަރުހީބު އޮތްވަރަށް އަހަރެންނަށް މީހުންގެ މަލާމާތާއި ދިމާކުރުންވެސް ލިބެން ފެށިއެވެ. އޭނާއާއެކުގައި ޕާޓީތަކާއި ހަފުލާތަކަށް ނުދާތީއެވެ. ދެކުދިން ލިބުނީމާ އަހަރެންގެ ދުނިޔެ ފުރިހަމަވީ ފަދައެވެ. ގެއިން ބޭރުގައި އޭނާގެ ދިރިއުޅުމުގެ ކުލަމަޖާތަކެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ގޭގެ ހަތަރުފާރުން އެތެރޭގައި ފެންނަނީ އަނބިމީހާއާއި ދަރިންނަށް ޖާނާއި މާލުން ފިދާވާ، ލޯބިން ފުރިފައި ހުންނަ ތާޒާ ފިރިއެއްގެ އިތުރުން އޯގާތެރި ބައްޕައެކެވެ. އަންހެނަކަށް އެއަށްވުރެ އިތުރަށް ބޭނުންވާ ކަންތައްތަކެއް ހުރެދާނެއެވެ. އެކަމަކު އަހަންނަށްޓަަކައި އެވަރު ފުދެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނަށް އެނގޭހެއްޔެވެ. އެވަރުން ފުދިގެން ދިރިއުޅުން ކުރިއަށް ދާނެކަމަށް ޔަގީންކޮށްގެން ހުރުމަކީ އަހަރެންގެ މޮޔަކަމެވެ. ދަރިންލިބުނީމާ ވަޒީފާ ދޫކޮށްލާފައި ފިރިމީހާ ދިނީމާ ކައިގެން ބޮއިގެން ދަރިން ބަލައިގެން ގޭގައި އިނުމަކީ އަހަންނަށް ހެދުނު ކޮސްކަމެކެވެ. މައިންބަފައިން ހަދާފައި ދީފައި ހުރި ކޮޓަރި ދެގުނައަށް ބޮޑު ކުރީ ދަރިފުޅު ލިބެން އުޅޭކަން އެނގުމުންނެވެ. ވަކިން ތަނަކަށް ދާންވީ ކީއްކުރަން ހެއްޔެވެ. ބައްޕަގެ ބިމުގައި ޖާގަ އޮތެވެ. ބޭބެއަށް ވީ ބައިގައި އޭނާގެ ކޮޓަރިއަށްވީބައި މާކުރިން އޭނާ ހުރީ ފުޅާކޮށް ހަދާފައެވެ ބާކީ އޮތީ އަހަރެންގެ ބައެވެ. އެހެންކަމުން އެތަނުގައި އިތުރަށް ކޮޓަރިއެއް ހެދީއެވެ. ގޭގައި އެންމެން އުޅެނީ އެކުގައި ކަމުން އެއްބަދިގެއާއި އެއްސިޓިނގރޫމާއި އެއްކާގެއިން އަހަރެމެންގެ މިއާއިލާއަށް ފުދެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ހޮނުގުގުރިއެއްހެން ބިރުވެރިކަމުގެ ހަބަރު ލިބުނީ ހަމައެކަނި އިވުނު އަޑެއްގެ ގޮތަކަށް ނޫނެވެ. ބިންހެލުން އައީ ހަމައެކަނި އަހަރެންގެ ހަޔާތަކަށް ނޫނެވެ. ލޯބިވާ ބޭބެއާއި އާއިލާއަށް އެކުގައި އައީ ވަރުގަދަ ސުނާމީއެކެވެ. މަންޒަރު ފެނުނީ މަންމައަށެވެ. ބުއްދި އިސްކޮށްގެން ނަސޭހަތުން ނިންމާލެވޭކަށް ނެތެވެ. އެއީ އެއަށްވުރެ ބޮޑު ކަމެކެވެ.

އެދުވަހު އަހަރެމެން އާއިލާގެ އެންމެން މާފުށްޓަށް ދިޔައީ ދެރޭ ދެދުވާލުގެ ދަތުރެއްގައެވެ. މިދަތުރަކީވެސް އެހެން ހުރާ ދަތުރުތައް ގޮތަށް ފަހަރީގެ އާއިލާއާ ބައްދަލުވެލައި، ފަހަރީގެ މަންމަމެން ފަހަރިއަށް ދީފައި ހުންނަ ގެއަށް ދިޔަ ދަތުރެކެވެ. މިފަހަރު އެގެ ކުއްޔަށް ދިނުމާ ބެހޭ ގޮތުންވެސް ގޮތެއް ނިންމުންވެސް ޕްލޭންގައި އޮތެވެ. އެގޯއްޗަކީ ބޮޑު ގޯއްޗަކަށް ވެފައި އަޅާފައި ހުންނަނީ ބޮޑު ގެއެއްކަމުން ގޭގެ އެއްބައި ކުރިންވެސް ހުންނަނީ ކުއްޔަށް ދީފައެވެ. ނަމަވެސް ދެމަހެއްހާ ދުވަސް ކުރިން އެބައިވެސ ހުރީ ހުސްވެފައެވެ. މާފުށްޓަކީ ކުލީ ގޭގެ މަދުވެފައި އޮންނަ ރަށެކެވެ. އެހެންކަމުން މިފަހަރު އެގޭގެ ދެބައިވެސް ކުއްޔަށް ދިނުމަށް މީހަކާ ހަވާލު ކުރުމަށް ވަނީ ރާވާފައެވެ. މިއީވެސް އަހަރެންގެ ބިޒިނަސް މައިންޑެޑް ފިރިކަލުންގެ މޮޅު ހިޔާލެކެވެ.

އަހަރެމެން އެންމެންވެސް އުޅުނީ ނުހަނު އުފާވެރިކަމާއެކުގައެވެ. މާފުށްޓަށް ދިޔަ ރޭގެ ދަންވަރު މަންމައަށް އެގޭގެ އަނެއްފަޅީގެ ކޮޓަރިތަކުން އެ ސިއްރުވެރި ހާއްސަ ކޮޓަރިއާ ހަމައަށް ނުދެވުނުނަމަ ދެންވެސް އަހަރެމެންގެ އާއިލާއަކަށް އެކައްޗެއްވެސް ނޭނގޭނެއެވެ. މަންމައަށް އެހިސާބަށް ދެވުނީ އިއްތިފާގަކުންނެއް ނޫނެވެ.

ރޭގަނޑުގެ ކެއުމަށްފަހު އަހަރެމެން އެންމެން އެކިއެކި ކަންތަކުގައި އެކި ދިމާއަށް ދިޔައީ ވަކިން އެބައެއްގެ އާއިލާއަކާއެކު އެބައެކެވެ. އަހަރެން ކުދިން ނިންދަވާފައި ނިދަން އޮށޯތީ ފިރިމީހާ ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއް ކުރަން އިނުމުން އޭނާއަށް ރޭގަނޑުގެ ސަލާމް ކޮށްފައެވެ. އޭގެ ފަހުން އަހަންނަށް ހޭލެވުނީ ބައްޕަ އަހަންނަށް ގޮވާ ނެގުމުންނެވެ. ދެކުދިން ގައިމަތީގައި ރަޖާ އަޅާފައި ފިރިމީހާ ނެތުމުންނާއި ބައްޕަ މިހާ ދަންވަރު ގޮވީ ކީއްވެގެންތޯ އަހާލުމުން ބައްޕައާއެކުގައި އައުމަށް އިޝާރާތް ކޮށްލިއެވެ. ނިދާހެދުމުގެ މަތިން ޖިލްބާބެއް ވައްޓާލައިގެން ބުރުގާ އަޅަމުން ނުކުތީމެވެ.

މަންމައާއި ބައްޕަ ނިދަން އޮށޯތީ އެންމެނަށް ވުރެ ފަހުންނެވެ. ބައްޕަ ނިދުނުއިރުވެސް މަންމަ އޮތީ ނުނިދިފައެވެ. މަންމައަކީ ނިދާ ތަންމަތި ބަދަލުވެއްޖެނަމަ ނިދި މުޅިން ހަލާކުވާ މީހެކެވެ. މިރޭވެސް ވީއެކަަހަލަ ގޮތެކެވެ. މަންމަ އެނދުން ފައިބައިގެން ގޮސް ކުޑަދޮރު ހުޅުވާލައިގެން ބޭރު ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ހިތްގައިމުކަމަށް ބަލާލަން ހުއްޓިލިއެވެ. ރޭގެ ފަނޑުހަނދުގެ އަލި ފިޔަވައި އެހެން އަލިކަމެއްނެތް ބޮޑު ގޯތިތެރޭގައި ހުރި ބިޔަ އަނބުގަހުގެ ފަހަތުން ހިޔަންޏެއް މަންމަގެ ސަމާލުކަމަށް އައީ ހަމަކުއްލިއަކަށެވެ. މަންމަ އެއީ އެހާ ބޮޑުކަމަކަށް ނުހަދާނީ އެއީ ގޭތެރެއިން ނޫނީ މިފަރާތުން ފެނުނު ހިޔަންޏެއް ނަމަތާއެވެ. ގޭގެ ގޯތީގެ އަނެއް ފަޅީގައި ހުންނާނީ ފަޅު ދެ ކޮޓަރިއަކާއި ބޮޑުކޮޓަރިއެކެވެ. އެބައި ހުންނަނީ ބަންދުކޮށްފައެވެ. އެއީ އަހަރެމެންނަށް އެގެއާ ބެހޭ ގޮތުން އެނގޭވަރެވެ. ހަގިގަތް އޮތީ ފަރުދާގެ މައްޗަށް ފަރުދާ އަޅާ ފޮރުވާފައެވެ.

މަންމަ ފަރުވާވެ ރަނގަޅަށް ބަލާލީ އެމީހަކު އެގޭގެ އަނެއްބަޔާ ދިމާއަށް ގޮސް އެބަޔަށް ވަނުމުންނެވެ. ދެން މަންމަގެ ހައިރާންކަމަށް ގޯހެއްގެ އިހުސާސްކުރެވުނީ ހަަމަ އެދިމާއަށް ފަހަރި ދިޔަތަން ފެނުމުންނެވެ. ފަހަރިކަން ޔަގީންވީ އޭގެ ކުޑައިރުކޮޅެއް ކުރިން ފަހަރި ބަދިގެއިން ފެންފުޅިއެއް ނަގަން ދިޔަވަގުތު މަންމައާ ދިމާވެފައިވުމުން ފަހަރި ލައިގެން ހުރި މަޑުނޫކުލައިގެ ހެދުން ފެނިފައިވާތީއެވެ. ކުރިން ވަދެގެން ދިޔަ މީހާ އަކީ ފިރިހެނެއްކަން ޔަގީންވެފައި އެއީ މަންމަގެ ދަރިފުޅު ނޫންކަން މަންމައަށް ޔަގީންވީއެވެ. ބޭބެއަކީ އިސްކޮޅުން އެހާ ދިގު މީހެއްނޫނެވެ. އަދި އެހާ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެއްވެސް ނޫނެވެ. މަންމައަށް އެމީހާއަކީ ކާކުކަމާމެދު ޝައްކުވުމާއެކު ބުރުގާ އަޅައިގެން އެދިމާއަށް ދިޔައީ މިއީ ކޮންކުޅިގަނޑެއްތޯ ހަމަލޮލުން ދެކި އަތުން ހިފުމަށެވެ.

އެބަޔަށް ވަންނާކަށް ދޮރެއް ނުހުންނާނެއެެވެ. ހުންނާނީ ޖަހާފައި ހުންނަ ފެންސެކެވެ. މަންމަ އެތެރެއަށް ވަދެގެން ދިޔައީ އެކަނު އަނދިރީގައި މަންމަގެ ފޯނުން ކުޑަކޮށް އަލިކޮށްލަމުން ނިވަމުން ކަހަަލަގޮތަކަށެވެ. އެކޮޓަރީގެ ކުޑަދޮރުން އެތެރެ ރީއްޗަށް ނުފެންނަނީ ދަމާފައި ހުރި ފަރުދާއަކުންނެވެ. އެހެންނަމަވެސް ފަރުދާ ހިއްލިލާ ވަގުތު އެތެރެ ފެނެއެެވެ. އެނދުހުރީ ދިމާ ކުރިމަތީގައެވެ. ފަންކާގެ ވަޔާއެކު ހެލިލި ފަރުދާގެ ދޭތެރެއިން މަންޒަރު ސާފުކޮށް މަންމައަށް ފެނުނެވެ. ކަންފަތަށް އަޑު އިވުނީ އެއްވެސް ހުރަހެއް ނެތި ހިމޭން މެންދަމުގެ ތެރޭގައި ސާފުކޮށެވެ.

"ޔަގީންތަ އެއްވެސް މީހަކަށް ނުފެންނާނެކަން.؟" އެއީ އަހަރެންގެ ފިރިމީހާގެ އަޑެވެ.

"ކާކަށް ފެންނާނީ ކޯޗެއް އެނގޭނީ؟ ފަސް އަހަރު ވީއިރު ނޭނގުނު އެއްޗެއް ދެން އެނގޭނެ." ފަހަރީގެ އަޑު މަންމައަކަށް ނުއޮޅޭނެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. މިއީ މީހަކު ކުޅެފައި އޮތް ފިލްމެއް ނޫނީ ޑްރާމާއެއް ނޫނެވެ. އަހަރެންގެ ބޭބެގެ އަނބިމީހާއަަކީ އަހަރެންގެ ފިރިމީހާގެ އެތައް އަހަރެއް ކުރީގެ ލޯބިވެރިޔާއެވެ. ބޭބެފަދަ އާދައިގެ ފިރިހެނަކާއި ފަހަރި ފަދަ ރީތިހުސްކޮށްގެން އިން އަންހެނެއްގެ ކައިވެންޏާއެކު އަހަރެން ކަހަލަ އާދައިގެ އަންހެނަކާ ނުހަނު މަޝްހޫރު މޮޑެލްއެއްގެ ކައިވެނި މީހުންގެ މަލާމާތަކަށް ވީ ސަބަބެއް ނެތިއެއް ނޫނެވެ. ބައެއް މީހުން "ފަހަރިއާއި ގުޅެނީ ޅިޔަނު، ކިހާ މަޖާ،" މިއީ އަހަރެމެން ދެބެއިންނަށް ނުވިސްނި އޮތް ހަގީގަތެކެވެ.

އަހަރެންގެ އޮތީ ހަމައެންމެ ސުވާލެކެވެ. ދެމީހުންނާވެސް އެސުވާލު އަހަރެން ކުރީމެވެ. "ކަލޭމެން ގުޅޭ، ލޯބިވެރިން. ދެންކީއްކުރަން އަހަރެމެންގެ އުފާވެރި ހަމަޖެހޭ އާއިލާ ހަލާކު ކުރީ؟ ކަލޭމެން ދެމީހުން ކައިވެނިނުކޮށް އަހަރެމެން ދެބެއިންގެ ހަޔާތް ބަރުބާދުކޮށްލީ ކީއްކުރަންތަ؟"

ޖަވާބު ސާފެވެ. ދެމީހުންގެ މެދުގައި ލޯބި އެމީހުން އިނދެގެން އެކުގައި އުޅޭނެ ގޮތެއް މާލެއަކު ނެތެވެ. މަޝްހޫރުވެފައި ރީއްޗަކަސް މާލޭގައި ދިރިއުޅެން ބޭނުންވާ ގޯއްޗާއި ހަދާފައި ހުރި ގެއެއް ނެތެވެ. އެދެމީހުންގެ ހުވަފެނުގައި އޮތީ މާލެއެވެ. ހަގީގަތުގައި އެކަމުގައި ކުރިއަރާ ހުރީ ފަހަރިއެެވެ. ފަހަރި ބޭނުންވީ މާލޭ މީހަކާ އިންނާށެވެ. މާލޭގައި އުޅޭށެވެ. ފިރިމީހާގެ ފަރާތުން ބޭނުންވާ ގޮތަށް ލޯތްބާއި ފިރުމުން ނުލިބޭތީ އެބައި ފުރިހަމަކުރަން ތިމާގެ ލޯބިވެރިޔާ ތިމާގެ ފިރިމީހާގެ ކޮއްކޮގެ ފަސްބައިގައި ގުޅުވީ ފަހަރީގެ މޮޅު ވިސްނުމެވެ.

އަހަރެމެން ދެބެއިންގެ ހަރުދަނާކަމާއި ތަރުބިއްޔަތުގައި އުނިކަމެއް ނެތްކަން ގަބޫލު ކުރަމެވެ. ދެވަނަ ފަހަރަކު އެ ހޮރުން އަހަރެމެންގެ ގަޔަކަށް ކަށި ނުޖެހޭނެއެވެ. އެހެންނަމަވެސް އަހަރެމެން ދެބެންގެ ހަޔާތުގައިވެސް ފޫނުބެއްދޭނެ އުނިކަމެއް އަބަދުވެސް ހުންނާނެއެވެ. އެދެމީހުންގެ ދަރިން އަހަރެމެންގެ ގާތުގައި އެބަތިއްބެވެ. އެހަގީގަތާ ދެކޮޅެއްވެސް ނުހެދޭނެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނަށް މިކިޔައިދިނީ ހިންދީ ޑްރާމާއަކަށްވުރެން ތަންފުކެއްވެސް ދެެރަނޫން އަހަރެންގެ ހަޔާތުގެ ހަގީގީ ވާހަކައެވެ. އަަހަރެންގެ އަލަތު ލޯބިވެރިޔާ އަލަތު ފިރިމީހާ ވީ އަހަރެންގެ ފަހަރީގެ ލޯބިވެރިޔާއަށެވެ. އަބަދުވެސް އެދެމީހުން ދެމެދުގައި އޮތް އެ ނާޖާއިޒު ގުޅުން އަހަރެމެންގެ ލޮލަށް ނުފެނުނީ އަހަރެމެންގެ މައުސޫމުކަމުންނެވެ. އެވަރުގެ ހީލަތްތެރި ފިކުރެއް އަދި އެހާ ހުތުރު ހިިޔާލެއް އަހަރެމެންނަށް ވިސްނައިގަންނާކަށް ނޭނގެއެވެ.

އަހަރެމެން ދެބެން ދިރިުއުޅުން އަލުން އާރާސްތު ކުރީމެވެ. ދެވަނަ ކައިވެނީގައި އަހަރެމެން ދެބެންވެސް އިސްކަން ދިނީ ލޮލަށް ބަލާލަން ރީތިވުމަށް ވުރެ ހުލްގާއި އަގީދާ ސީދާ ބައިވެރިއެއް ހޯދުމަށެވެ. އެކަން އަހަރެމެންނަށް ހިންމަވައިދެއްވުނެވެ. އަޑުއިވޭ ގޮތުގައި އަހަރެމެންގެ އަލަތު ލޯބިވެރިން މިހާރު ދެފަހަރު އިނދެ ވަރިކޮށްފިއެވެ. ބައެއް ފަރާތްތަކުން ތިންފަށް ވެއްޖެއޭވެސް ބުނާއަޑު އިވެއެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ނިކަން ބުނެބަލާށެވެ. އަހަރެންގެ އަލަތު ލޯބިވެރިޔާފަދަ ޣީރަތެއް ނެތް ފިރިހެނުން އަމިއްލަ ދަރިފުޅު އެހެން މީހަކަށް ދޭކަށްވެސް ޖެހިލުމެއް ނުވާނެ ނޫންހެއްޔެވެ. ތިމާގެ ލޯބިވެރިޔާ އެހެން ފިރިހެނެއްގެ އަނތްބަކަށް ވާން ބަލައިގެން ހުރެވުނު މީހަކަށް ދަރިފުޅަށްވެސް ގޮތެއް ހަދާލުމަކީ އެއްވެސް ބޮޑު ކަމެއްނޫނެވެ. އެހެންކަމުން އަހަރެން ހުންނާނީ އެކަމަށް ތާއަބަދުމެ ފާރަވެރިވޭވެއެވެ.