ގދ ފިޔޯރީ ސިއްހީ މަރުކަޒުގައި ބޭނުންކުރާނެ ރަނގަޅު އެމްބިއުލާންސެއް ލިބުމަށް އެދިގެން މިނިސްޓަރީ އޮފް ހެލްތުގައި އެދެމުންދަނިކޮށް އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި، "ތަނަކުން ބާ އެއްޗެއް މަރާމާތުކޮށްފައި ފޮނުވޭތޯ ބަލާ،" ކަމަށް ހެލްތު މިނިސްޓަރީއިން ބުނުމަކީ ފިޔޯރީ ރައްޔިތުންނަށް ސަރުކާރުން ހައްގުވާ މިންވަރުތޯ ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ސުވާލު ކުރައްވައިފިއެވެ. ފިޔޯރީ ކައުންސިލް ރައީސް މިސުވާލު ކުރައްވާފައި ވަނީ އިއްޔެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

އިއްޔެ ފޭސްބުކްގައި ފިޔޯރީ ކައުންސިލު ރައީސް ކުރައްވާފައިވާ މިޕޯސްޓުގައި ރަށުގައި އޮތް އެމްބިއުލާންސްގެ ހާލަތު ބަޔާންކޮށްފައިވެއެވެ. ހެލްތުމިނިސްޓަރީއިން އިތުރު 20 އެމްބިއުލާންސް ގެންނަ ކަމަށާއި އަދި މިދިޔަ އަހަރުވެސް އެކި ރަށްރަށަށް 96 އެމްބިއުލާންސް ފޯރުކޮށްދެއްވާފައިވާނެ ކަމަށް އިއްޔެ ފެތުރެމުން ދިޔަ ހަބަރުތަކަށް އިޝާރާތް ކުރައްވައި ފިޔޯރީ ކައުންސިލް ރައީސް ވިދާޅުވެފައި ވަނީ އެއިން އެމްބިއުލާންސެއް އެރަށާ ހަމައަށް ނުފޯރާކަމަށެވެ. ފިޔޯރީގައި އެމްބިއުލާންސް ނެތުމުން ރައްޔިތުން އުފުލާ ތަކުލީފު ތަކަށް ހައްލެއް ލިބޭތޯ ހެލްތުމިނިސްޓަރީގައި ތަކުރާރުކޮށް އެދެމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

މީގެ ދެމަހެއްހާ ދުވަސް ކުރިން މިނިސްޓަރީ އޮފް ހެލްތާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ފިޔޯރީގައި އޮންނަ އެމްބިއުލާންސަކީ މުޅި ގދ އަތޮޅުގައިވެސް އޮތް އެންމެ ބައުވެ ދުވަސްވެފައިވާ އެމްބިއުލާންސަށް ވެފައި އެއީ ވަރަށް ކުރީ ޒަމާނުގެ އެއްޗެއްކަމުން އޭގައި ބަލިމީހުން އުފުލުމުގައި، އެތައް ތަކުލީފެއް އުފުލަން ޖެހޭ ވާހަކަ ވަނީ ދައްކާފައެެވެ. މިއީ ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެކެވެ. ބައެއް ހާލަތްތަކުގައި އެންމެ މުހިންމު އޮކްސިޖަން ފުޅި ބޭނުން ކުރެވޭނެ ގޮތެއް ނުހުރެއެވެ. އޭސީވެސް ނުހުރެއެވެ. ދެދުވަހު ހަމައަށް ދުއްވޭނެ ގޮތެއް ނުވެ ގިނަފަހަރު އެމްބިއުލާންސް އޮންނަނީ ގަރާޖުގައެވެ. ފިޔޯރީގައި ގިނަފަހަރު ބަލިމީހުން އުފުލަނީ ރަށުޕިކަޕްގައެވެ.

މިހުރިހާ ޝަކުވާއަކަށް ހެލްތުމިނިސްޓަރީގެ ސްޓޭޓްމިނިސްޓަރ އާދިލް ދެއްވި ޖަވާބަކީ "ތަނަކުން ބާ އެއްޗެއް މަރާމާތުކޮށްފައި ފޮނުވޭތޯ ބަލަމުންދާ،" ކަމަށެވެ. މިފަދަ ޖަވާބެއް ދެއްވުމަކީ ފިޔޯރީއަށް ސަރުކާރުން އަހައްމިއްޔަތުކަމެއް ނުދޭކަން ހާމަވެގެންދާ ކަމެކެވެ. އެހެންކަމުން ފައިޒަރު ވިދާޅުވީ ގދ ފިޔޯރީއަށް ސަރުކާރުން ހައްގުވެގެން ދެއްވާ މިންވަރަކީ ބައުއެއްޗެހި މަރާމާތުކޮށްފައި ދިނުން، މާނައަކީ ސެކަންޑްހޭންޑް، ދަރަޖަތޯ ދެނެގަތުމަށް އެސުވާލު ކުރައްވާ ކަމަށެެވެ.