2020 ވަނަ އަހަރުގެ ޖޫންމަހުގައި ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓުކޮށްގެން ދައުލަތުގެ ސަމާލުކަމަށް އައި، ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ރޭޕުކުރިކަމަށް ބުނާ މައްސަލަ ހެކި ނެތް ކަމަށްބުނެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލައިގައި، ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިންސީ ގޯނާކުރިކަމުގެ ދައުވާއެވެ. ހުޅުމާލެ ކޯޓުން ޝާންއާ ދެކޮޅަށް ހުށަހެޅި މައްސަލަ ވަނީ ހެކި ނެތުމުގެ ސަބަބުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ކުރިއަށް ނުގެންގޮސް ބޭރުކޮށްލާފައެވެ. ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ޝާންގެ އިތުރުން އިތުރު ދެ މީހެއްގެ މައްސަލަވެސް ފޮނުވައިފައެވެ. އެ ދެމީހުންނާ ދެކޮޅަށް ހެކި ނެތުމުން ދައުވާ ނުކުރުމަށެް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ވާހަކަ ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓު ކުރުމުން ދައުލަތުގެ ސަމާލުކަމަށް އައި މިމައްސަލައާ ގުޅިގެން އެ ކެންޔާ އަންހެންމީހާ ބުނާގޮތުން އެއްވެސް މީޑިޔާއަކަށް އޭނާ އެއްވެސް މައުލޫމާތެއް ނުދެއެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައުވާ އަބްދުﷲ ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.