ޗަމްޕާ ބްރަދަރސްގެ ފަރާތުން މާލެސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކާށި ބެހުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ. އެމަސައްކަތް ކުރަމުންދަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޢާންމު ޚިދުމަތްތަކާ ބެހޭބައި(ތައިސޭކޮށި) އިންނެވެ.

މާލޭ ސިޓީކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި ކާށި ބެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށެވެ. އޭގެ އިތުރުން ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ.

ކާށި ބަލާ އަންނައިރު އައި.ޑީ ކާޑު ގެނައުމަށް ކައުންސިލުން ވަނީ އެދިފައެވެ. އެޕްރީލް 11 އިން 16 އަށް ކާށިބަހާނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެޕްރީލް 17 އިން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް (ހުސްވަންދެން) ކާށި ބަހާނޭ ކަމަށް ވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ. ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސް އިން މާލޭ ސިޓީކައުންސިލާ ހަވާލުކޮށްފައިވަނީ ކިތައް ކާށި ކަމެއް އެނގިފައެއް ނުވެއެވެ.

މިއީ މާލޭގެ ބާޒާރުގައި ކާށި މަދުވެ އަގު އުފުލުމާ ގުޅިގެން ކުރަމުންދާކަމެކެވެ. އެސްޓީއޯއިން ވެސް ވަނީ ބޭރުން ކާށި ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.