ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމަށް އެއްވެސް ޝައުގުވެރިކަމެއްނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ޝާޒު އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ވިސްނުމެއް ހުރީ ވައުދު ފުއްދަން ކަމަށެވެ. އެމަނިކުފާނުގެ އިތުރުން މުޅި ސަރުކާރުގެ ވިސްނުންވެސް ހުރީ ވައުދު ފުއްދަން ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުގެ މައިގަނޑު ފޯކަސްއަކީ މައިގަނޑު އަމާޒަކީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުން،" ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ މީގެ ކުރީގެ ސަރުކާރުން ނިހިންގާހާ ތަރައްގީގެ ގިނަ މަޝްރޫއުތައް ރާއްޖޭގައި ހިންގަފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް އެމަސައްކަތް ކުރެއްވުނީ ސިޔާސީ ހަލަބޮލިކަމާ އެމަނިކުފާނު ދުރަށް ވަޑއިގެން ހުންނަވައި ރައްޔިތުންނަށް އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.