އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދީ އަލުން ބާއްވައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އެމްޑީޕީއާދެކޮޅަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލަ އެގޮތަށް ނިންމެވެންނެތް ކަމަށް ސިވިލްކޯޓުން ނިންމަވައިފިއެވެ.

ސިވިލްކޯޓުން ވިދާޅުވެފައިވަނީ އެ ގޮތަށް ނިންމެވީ ދައުވާކުރި ފަރާތުގައި އެދައުވާ ކުރުމުގެ ހައިސިއްޔަތު ނެތުމުން ކަމަށެވެ.

"ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް މި ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދަޢުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދަޢުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފި،" ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.

ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ޕާޓީގެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ.