ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމުގެ ޝަކުވާ އިންޑިއާއިން ކޮށްފިއެވެ. އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސީތަރާމަން ވަނީ ވޮޝިންޓަނަށް ކުރައްވާ ދަތުރުފުޅުގައި ޖީ20ގެ ގައުމުތަކުން ތަރައްގީވަމުން އަންނަ ކުދި ފަގީރު ގައުމުތަކުގެ ދަރަނި ދެއްކުމަށް ލުއި ގޮތްތައް ހަމަޖައްސައި ދީފައި ނުވުމުން އެކަމާ ޝަކުވާ ކުރައްވާފައެވެ.

ޕީޓާސަން އިންސްޓިއުޓްގައި ވާހަކަ ދައްކަވަމުން ސީތަރާމަން ވިދާޅުވީ، ތަރައްގީ ވަމުން އަންނަ ގައުމުތަކުން ޖުމުލަ ކޮށް ދައްކަން ބޮލު އެޅިފައިވާ ދަރަނީގެ ޖުމުލައަކީ، 326 ބިލިއަން ޑޮލަރު ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބައެއް ގައުމުތަކަށް ކައިރި މުސްތަގްބަލެއްގައި މި ދަރަނި ނުދެއްކިދާނެ ބިރު އެބަ އޮތެވެ. އަދި މިހާރުވެސް ބައެއް ގައުމުތައް ޑިފޯލްޓްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2020ގައި ޖީ20ގެ ގައުމުތަކުން އެ ދަރަނިތަކަށް ލުޔެއް ދިނުމަށް ވައުދުވެފައިވާ އިރު މިއަދާ ހަމައަށް އައި އިރު އެއްވެސް އަމަލީ ސިފައެއް އެކަމަށް އައިސްފައި ނުވާކަމަށް ސީތާރަމަން ވިދާޅުވިއެވެ.

އިންޑިއާއަކީ މި ދައުރުގެ ޖީ20ގެ ރައީސެވެ. އަދި އިންޑިއާއިން ދަނީ ޖީ20ގެ މެމްބަރު ނޫން ގައުމުތައްވެސް އެކި ފޯރަމްތަކުގައި ބައިވެރިކޮށްގެން ފަގީރު ގައުމުތަކުގެ އަޑު ޖީ20ގައި އިއްވުމަށް މަސައްކަތް ކުރަމުންނެވެ.

ސީތަރާމަން ވިދާޅުވީ އިންޑއާގެ ރިއާސަތުގައި ނިއުދިއްލީ އޮތީ އެފަދަ މަޝްވަރާތަކަށް ހުޅުވިގެން ކަމަށެވެ. ނަމަވެސް އެންމެފަހުން ބެންގަލޫރުގައި ބޭއްވި ޖީ20ގެ މާލީ ވަޒީރުންގެ ބައްދަލުވުންވެސް ނިމިގެން ދިޔައީ ޔުކްރެއިން މައްސަލާގައި ޒުވާބަކަށް ފަހު އެންމެން އެއްބަސްވާ ބަޔާނެއް ނުނެރެވިއެވެ.