ތުރުކީވިލާތުގެ އައު މަތިންދާބޯޓު އުފުލާ މަނަވަރު ސިފައިންނާ މިއަދު ޙަވާލުކޮށްފިއެވެ. "ޓީސީޖީ އަނާޟޯލް"ގެ ނަމުން ނަން ދީފައިވާ މަތިންދާބޯޓު އުފުލާ މަނަވަރަކީ، ތުރުކީގެ އެންމެ ބޮޑު މަނަވަރުތަކުން މަނަވަރެކެވެ.

މި މަނަވަރުގެ ދިގުމިނަކީ 231 މީޓަރެވެ. އަދި ފުޅާމިނަކީ 32 މީޓަރެވެ. މި މަނަވަރުގައި 27 ހާސް ޓަނު އުފުލޭނެއެވެ.

ތުރުކީން ބުނާ ގޮތުގައި މި މަނަވަރުގައި 10 ހެލިކޮޕްޓަރާއި 11 އެޓޭކް ޑްރޯން އުފުލޭނެއެވެ. މިއީ ދުނިޔޭގައި އަލަށް ޑްރޯނު އުފުލުމަށް ޚާއްސަކޮށް އުފެއްދި ފުރަތަމަ މަނަވަރެވެ.

އަދި މި މަނަވަރުގެ ހެންގަރުގައި 19 ހެލިކޮޕްޓަރު ނުވަތަ 30 އެޓޭކް ޑްރޯން އުފުލުމަށް ޖާގަ ހަމަޖައްސާފައި ވެއެވެ. މުޅި މަނަވަރުގައި 1،223 ފަޅުވެރިންނަށް ތިބެވޭނެއެވެ.

2016 ވަނަ އަހަރު ބަންނަން ފެށި މިމަނަވަރުގައި 13 ޓޭންކް އުފުލޭނެ ކަމަށްވެސް ވެއެވެ. އަދި އެހެން ނޫންނަމަ، 94 އަސްކަރީ ވެހިކަލް އުފުލޭނެ އެވެ.

ނޭޓޯގެ މެމްބަރު ކަމަށްވާ ތުރުކީގެ ދިފާއީ ސިނާއަތަކީ ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަމުގައި ފާހަގަ ކުރެވޭފަދަ ކުރިއެރުމެއް ހޯދާފައިވާ ދާއިރާއެކެވެ. އަދި ތުރުކީގެ ބޭރަގްދާރު ޑްރޯނަކީ އެފަދަ ދެވަނައެއް ނެތް ވައްތަރުގެ ޑްރޯނެކެވެ. އެންމެ ފުރަތަމަ ޑްރޯން ހަނގުރާމަ ކަމަށްވާ އަޒަރްބައިޖާނާއި އަރްމީނިއާގެ ސަރަހައްދީ ހަނގުރާމައިގައިވެސް ކާމިޔާބީ ހޯދުމަށް ބޭނުން ކޮށްފައި ވަނީ ބޭރަގްދާރް ޑްރޯނެވެ.