ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކުރި އަމުރު ހައިކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން، 52 މިލިއަން ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ، ފެބްރުއަރީ 26 ވަނަ ދުވަހުއެވެ. އެ މައްސަަލައިގެ އިސްތިއުނާފުގައި ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ، ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ހިލާފަށް ނެރެފައިވާ ބާތިލު އަމުރެއްކަމަށް ކަނޑައަޅައިދެއްވައި އެ އަމުރު ބާތިލުކޮށްދެއްވުމަށެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑީޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑީޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުން އިއްޔެ ކުރެއްވި ހުކުމުގައި ވަނީ އެ ފައިސާ ދައްކަން ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ގެ ހައިކޯޓުހުކުމްގައި އެ އަމުރު ބާތިލުކުރަންޖެހޭ ނުކުތާތައްވެސް ވެއެވެ. އެގޮތުން އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުގެ އަމުރު ނެރުނީ، އެ މައްސަލައިގެ ހުކުމްކުރި ފަހުން ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.

އަދި ރައީސް ޔާމީންގެ މައްސަލައިގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައިވިޔަސް، އެ މައްސަލައިގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރުކޮށްފައި ނުވާތީ، ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ. ކުރިމިނަލް ކޯޓުން އެ އަމުރު ނެރުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ރައީސް ޔާމީނަށް ފުރުސަތު ދީފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.