އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރާކަމަށް ބުނުމަށްވެސް ބައެއް މީހުން ބައިއަތު ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު މީހުންނާ ކަމަށް އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އެމް.ޑީ.ޕީ ގެ ސިޔާސަތު ސަރުކާރުން ތަންފީޒު ނުކުރާކަމަށް ބުނެ ބައިއަތު މި ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު ފިކުރު މީހުންނާ. އަދި އެމީހުންނާއެކު އެ ސިޔާސަތު ހިންގަން! މީ ސިޔާސީ ވާހަކައެއްތޯ؟ ނޫނީ ބުއްދިގަބޫލުކުރާ ހަމަޖެހޭ ވާހަކައެއްތޯ؟"

އަލީ ނިޔާޒު މިގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ކުރިން އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސައިން އަމްރު ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރާ ކަމަށް ވިދާޅުވެ އިއްޔެ ބަޔާނެއް ނެރެފައިވަނިކޮށްނެވެ. އޭގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރުން ދޫކޮށްލާ ބައެއް ސިޔާސަތުތައް އެސްޓީއޯއިން އިސްނަގައިގެންވާނީ ތަންފީޒު ކޮށްފައި ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް އެތައްފަހަރެއްގެ މަތީން ލަފާދިން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މި ސަރުކާރުން ވަނީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި އެއްވެސް އަމާޒެއްނެތި ވަކިސިޔާސަތެއް ތަންފީޒު ކުރަން ފަށައިފައި ކަމަށެވެ. އޭގެ ސަބަބުން މާލީގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ މައްސަލަތައް ފާއިތުވި 4 އަހަރުތެރޭގައިވަނީ ކުރިމަތިވެފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ސަބަބުން ޓެކްސް ބޮޑުކުރަންޖެހި ތަކެތީގެ އަގު ބޮޑުވެގެންދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފަތުރުވެރީން އަތުންނަގާ ޓެކްސް ކުރިއާލައި އެންގުމެއްނެތު ނަގަން ފެށުމުން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނުކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.

އަމްރު ވިދާޅުވެފައިވަނީ މިފަދައެތައް ސަބަބުތަކާހެދި އެމްޑީޕީއަށް ރައްޔިތުންކުރި އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީއިންތިޚާބު އެޕާޓީއަށް ގެއްލުމުގެ ފުރުސަތުވެސް ވަނީ ބޮޑުވެފައި ކަމަށް ވިދާޅުވެފައިވެއެވެ.