ޖީއެމްއާރަށް ވުރެ އެފްކޮންސް މައްސަލަ ނުރައްކާ ވެދާނެކަމަށާއި، ދިވެހިންނަށް މި ފަހުގެ ތާރީހެއްގައި ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތަކީ އެފްކޮންސް މައްސަލަކަމަށް ފާހަގަކޮށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސައީދު ކަަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދެއްކެވީ ތިލަމާލެ ބުރިޖުގެ މަޝްރޫއު ނުނިމެނީސް އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން ނިންމުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސައީދު ވިދާޅުވީ ތިލަމާލެ ބުރިޖު އެޅުމުގެ ބޮޑު މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ ބަނގުރޫޓުވެފައިވާ ކުންފުންޏެއް ކަމަށެވެ. އެވާހަކަ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާކަމަށެވެ. މިއީ ހިނގަމުން އަންނަ ވަރަށް ނުރައްކާތެރިކަމެއްކަމަށް ވިދާޅުވުމަށްފަހު ސައީދު ވިދާޅުވީ އެފްކޮންސް ބަނގުރޫޓުވެގެން އެސެޓްތައް ނުއަގުގައި ވިއްކާކަމަށެވެ.

"އެފްކޮންސް ބަނގުރޫޓުވެގެން އެ މީހުންގެ އެސެޓުތައް އެ ދަނީ ނުއަގުގައި، ނީލަމުގައި ވިއްކަމުން އަޅުގަނޑު ދިވެހި ސަރުކާރަށް، ރާއްޖޭގެ ދައުލަތުގެ މާލިއްޔާގެ ޒިންމާ ނަންގަވާ ހުރިހާ ފަރާތްތަކަށް ގޮވާލަން، އެފްކޮންސްއަށް ދޫކުރަން ހުރި އެއްވެސް ފައިސާއެއް ދޫނުކުރަން،" ސައީދު ވިދާޅުވިއެވެ.

ސައީދުގެ އެންމެ ބޮޑު ކަންބޮޑުވެލެއްވުމަކީ އެފްކޮންސްގައި ރާއްޖޭގެ މި ބުރިޖު އަޅާނެ ޓެކްނޮލޮޖީ ނެތްކަމެވެ. މިއީ ދެވަނަ ޖީއެމްއާރަށްވުރެ ނުރައްކާ މައްސަލައެއް ކަމަށް ސައީދު ވިދާޅުވީ އެފްކޮންސްގެ މިބަނގުރޫޓުވުމާއި ޓެކްނޮލޮޖީ ނެތި ބުރިޖުގެ މަޝްރޫއު ކުރިއަށް ނުދާނެތީއެވެ.

"މި ބްރިޖެއް ނާޅާނެ. މި ބްރިޖު އެޅޭނެ ޓެކްނޮލޮޖީއެއް ވެސް ނެތް އެފްކޮންސްއަކު. ހަމަ އެއާއެކު، ރާއްޖޭގައި މި ފަހުގެ ތާރީހުގައި ރައްޔިތުންނަށް ދިމާވާނެ އެންމެ ބޮޑު މުސީބާތް ބްރިޖުގެ މަސައްކަތް ނުނިމުން. މިއީ، ދެ ވަނަ ޖީއެމްއާރަށް ވުރެ ނުރައްކާ މައްސަލައެއް." ސައީދު ވިދާޅުވި އެވެ.

އެފްކޮންސް ވިއްކާލަން ނިންމުމާ އެކު ސައީދު ވަނީ އެ ކުންފުންޏަށް ދޭން ހުރި ފައިސާ ދޫނުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ވެސް ގޮވާލައްވައިފައެވެ.

"އަޅުގަނޑު މި ދަންނަވާލަނީ ފިނޭންސް މިނިސްޓްރީން އެފްކޮންސްއަށް ދޭން ހުރި ފައިސާ ދޫނުކުރަން. އަދި ބުރިޖުގެ ކޮންޓްރެކްޓް، މިހާރުން މިހާރަށް ބާތިލުކުރުމުގެ މަސައްކަތް ފެއްޓުމަށް،" ސައީދު ވިދާޅުވި އެވެ.