ތިލަމާލޭ ބްރިޖު އަޅަމުންދާ އެފްކޯން ކުންފުނި ވިއްކާލާ ވާހަކަ ދައްކަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ދެކޮޅަށް ދައްކާނޭ އިތުރު ވާހަކައެއްނެތިގެން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުފަރާތްތަކުން މިހާރު ގެންދަނީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓޭނޭ ކަމަށް ވެސް ބުނެ އަޑު ފަތުރަމުން ކަމަށެވެ. ފާއިތުވި 4 އަހަރު އިދިކޮޅު ފަރާތަކުން ކުރަމުންދިޔަ މަސައްކަތަކީ ގައުމު ހަލަބޮލިކޮށް ބަނގުރޫޓު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން މިދިޔަ ހަތަރު އަހަރު މަސައްކަތްކުރީ ގައުމު ހަލަބޮލި ކުރުމާއި ބަނގުރޫޓު ކޮށްލަން. އެކަމެއް ކާމިޔާބެއް ނުވި. މިހާރު ދައްކާ ވާހަކައަކީ މަޝްރޫއުތައް ހުއްޓޭނޭ، އެފްކޯން ވިއްކާލަނީއޭ. މިއީ އިބޫސާލިހު އާ ދެކޮޅަށް ދައްކާނެ މޮޅު ވާހަކައެއް ނެތީމައި ދައްކާ ހޮޅިވާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ އެފްކޯން ވިއްކާލިޔަސް މަޝްރޫއުތައް ނުހުއްޓޭނޭ ކަމަށެވެ.