ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ފަސް ހާސް ރުފިޔާއަށް ބޮޑުކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޝަހީމް މިކަމަށް ގޮވާލީ އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެންނެވެ.

އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޤުރުއާން ހިތު ދަސްކުރާ ކުދިންނަށް ޤައުމީ އިނާމު ދޭންވީ ޤުރުއާން ދަސްކުރީތީ ކަމަށާއި އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކިވަރަށް ކަމަށްވާއިރު އެގޮތައް ދަރަޖަކޮށް އިނާމު ދޭ ނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެ ކަމަށެވެ.

"މިސާލަކަށް އޯޓިޒަމް ހުންނަ ކުއްޖަކު ޤުރުއާން ދަސްކޮށްފާނެއެވެ. އޭނާގެ ކިޔެވުން އެންމެ ކުޅަދާނަ ނުވެދާނެއެވެ. ކިޔެވުމުގެ ފެންވަރާއި ދަރަޖަ ވެސް ތަފާތުވެދާނެއެވެ. މިފަދަ ކިތަންމެ ސަބަބަކާ ގުޅިގެން ޙާފިޒުންނަށް ޤައުމީ އިނާމު ދޭންވީ ފެންވަރަށް ބަލައިގެނެއް ނޫންކަމަށް އަޅުގަނޑު ދެކެމެވެ. އިނާމު ދޭންވީ ﷲގެ މާތް ފޮތް ދަސްކުރި ކަމަށްޓަކައެވެ" ޝަހީމް ވިދާޅުވިއެވެ.

އަދި މިހާރު ނިންމާފައިވާ ގޮތުން ޤައުމީ އިނާމު ދޭ ޙަފްލާގައި އެއްވަނަ ދަރަޖައަށް އިނާމު ދީފައި، ޤުރުއާން މުބާރާތުގެ އިނާމު ދޭ ޖަލްސާގައި ދެވަނަ ދަރަޖައަށް އިނާމު ދިނުމަކީ ޙާފިޒުން ހިތުގައި ޖެހޭނެ ކަމެއް ކަމަށާއި އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބުމަކީ ވެެދާނެ ކަމަކަށްވާއިރު ތަފާތުނުކޮށް، ޤުރުއާން ދަސްކުރިކަމަށްޓަކައި ޤައުމީ އިނާމު ދިނުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.

"ހާޒިފުންނަށްޓަކައި ސަރުކާރުން ރަނގަޅުކަމެއް އެސްޓަބްލިޝްކުރަން ބޭނުންފުޅު ނަމަ ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް 2 ހާސް ރުފިޔާ ފަސްހާސް ރުފިޔާއަށް އިތުރުކޮށްދެއްވާށެވެ" ޝަހީމް ވިދާޅުވިއެވެ.