ތިލަމާލެ ބުރިޖުގެ ވެހިކަލް ދުއްވާ ބައިގެ މަސައްކަތް ފަށައިފިއެވެ. މިބަޔަށް ބުރިޖުގެ ޑެކޭވެސް ކިޔައެވެ. މިއަދު ކުރި ޓުވީޓެއްގައި ގުޅިފަޅުގައި ތިލަމާލެ ބުރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓުތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއިން 2022 ވަނަ އަަހަރު ނޮވެމްބަރު، ނުވަވަނަ ދުވަހު ބުރިޖު މަޝްރޫއުގެ މަސައްކަތަށް ކަނޑުގައި ޖެހުމަށް ނިންމާފައިވާ ޓެސްޓު ޕައިލްތަކުގެ ތެރެއިން ފަށާފައިވާ ޓީޕީއޯ ޕައިލްގެ ކޮންކުރީޓު މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖު، ތިން ފިޔަވައްސަކަށް ބަހާލައިގެން ނިންމަން ތާވަލުކޮށްފައިވާއިރު، މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީީހެއް އެބައޮތެވެ. އޭގެތެރެއިން ފުރަތަމަ ފިޔަވައްސަކީ މާލެ އާއި ވިލިމާލެ ގުޅުވާލުމެވެ. އަދި މި ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ޖުލައިގެ ނިޔަކަށް ނިންމާލެވޭނެ ކަމަށާއި އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ އެފްކޮންސްއިން ބުނެފައެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. އަދި އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ. އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ.