ވެރީންނަށް ކިޔަމަންވުން. (ހަތަރުވަނަ ބައި)

0

ނަސްރުﷲ މުސްޠަފާ

އަޚާއެވެ. އިމާމް އިބްނު ޢުޘައިމީން ސަލަފުންނެކޭ އެއްގޮތަށް ވެރީންނަށް އެއްޗިހި ކިއުން މަނާކުރައްވައެވެ.

Advertisement

ރައްބާނީ ޢިލްމުވެރީންގެ ސިލްސިލާ ބޮޅުތައް ފެށިގެން އައީ އެބައިމީހުންގެ އިމާމް ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދު ނަބިއްޔާއިން ފެށިގެންނެވެ. އެކަލޭގެފާނަކީ އެއީ ރަސޫލުންނާއި ނަބީންގެ އެންމެފަހު ބޮޅެވެ. އެންމެހައި ބޭފުޅުންވެސް ޙަޔާތުގެ ދުސްތޫރު ނަންގަވާފައިވަނީ  އެއް އަސްލަކުންނެވެ. ތަބަޢަވެ ވަޑައިގެންނެވީ އެއް އިލާހެއްގެ އަމުރަށެވެ. އެހެންވެ އެންމެންވެސް ގޮވައިލެއްވީ ﷲމެނުވީ އެހެންފަރާތަކަށް އަޅުކަން ނުކުރުމަށެވެ. އެކަލާނގެ އެއްކައުވަންތަ ކުރުމަށެވެ. އެބައިމީހުން މީސްތަކުންނަށް ގޮވައިލެއްވި ކަންތައްތަކުގެ މަޤްޞަދަކީ އެކައްޗެކެވެ. ވީމާ އެބައިމީހުންގެ ގޮވައިލުން ވަރަށް އެއްގޮތެވެ. ހަމަ އެފަދައިން އެބއިމީހުުންގެ ވާރިޘުން ކަމުގައިވާ ޢިލްމުވެރިން އެބައިމީހުންގެ ޢިލްމު އެކަކު އަނެކަކަށް ވާރުތަކުރަމުން މިއަދާއި ހަމައަށް އައިސްފައިވެއެވެ. އެބައިމީހުންވެސް ގޮވައިލަނީ ހަމައެކައްޗަކަށް ތަބަޢަވާށެވެ. ކީރިތި ޤުރުއާނަށެވެ. ދެން އެކަލޭގެ ފާނުގެ ސުންނަތަށެވެ. އެއަށްފަހު ސަޙާބީންގެ ތެދުމަގަށެވެ. އެހެންވުމުން ކޮންމެ އަސްލަކަށް އެބައިމީހުން ދަޢުވަތުދިނަސް އޭގެ އަޞްލުވާނީ އެބައިމީހުންގެ އިމާމް ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނާއި ގުޅިފައިއެވެ. މިބީދައިން އެންމެހައި ސަލަފުއްޞާލިޙުން ވެރީންނަށް އެއްޗިހި ކިއުން މަނާކުރައްވާފައިވެއެވެ. ހަމަ އެގޮތަށް އެބައިމީހުންނާއި ހެޔޮގޮތުގައި ތަބަޢަވެވަޑައިގެންނެވި ޢިލްމުވެރީންވެސް މަނާކުރައްވައެވެ.

އެގޮތުން ވެރީންނަށް ކިޔަމަންވުމާއި ބެހޭގޮތުން  އިމާމް އިބްނު ޢުޘައިމީން ވިދާޅުވެފައި ވެއެވެ:” ބައެއް މީހުންގެ ކަމަކަށް ވެފައިވަނީ އޭނާ ވާ ކޮންމެ މަޖިލިހެއްގައި ވެރީންނާއި ބެހޭވާހަކަ ދައްކައި އެމީހުންގެ ޢިރުޟަށް އަރައިގަތުމެވެ. އަދި އެމީހުންގެ ނުބައިވާހަކަދައްކައި އެމީހުންގެ ކުށްތައް ބަޔާންކުރުމެވެ. އެއީ އެމީހުންގެ ރަނގަޅުވާހަކަތަކާއި ހެޔޮކަން ފާހަގަނުކޮށެވެ. އެއްވެސް ޝައްކެއްނެތެވެ، މިމަގު އިޚްތިޔާރުކޮށް އެމީހުންގެ ޢިރުޟަށް އަރައިގަތުމަކީ ނުބައިކަން އިތުރުކުރުވާ ކަމެކެވެ. އެހެނީ އެހެން ކަންތައްކޮށްގެން އެއްވެސް މައްސަލައެއް ޙައްލުނުކުރެވޭނެއެވެ. އަދި އެއްވެސް އަނިޔާވެރިކަމެއް ނެތިނުކުރެވޭނެއެވެ. ނަމަވެސް ބަލާވެރިކަން ހައްތާ ވާނީ ބޮޑެވެ. އަދި އޭގެސަބަބުން އެމީހުންނަށް މީސްތަކުންގެ ރުޅިވެރިކަން އިތުރުވުމާއި، ނުރުހުންވުމާއި، އަމުރުތަކަށް ނުކިޔަމަންތެރިވުން އިތުރުވެގެން ދާނެއެވެ.އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރާފަދައިން އެހެނިހެން މީސްތަކުން ފަދައިން ވެރީންވެސް ނުބައިކަންތައް ކުރާނެއެވެ.އެހެނީ ކޮންމެ އާދަމުގެ ދަރިއަކީ ނުބައިކަން ކުރެވޭނެ މީހެކެވެ. އެހެންނަމަވެސް އެންމެ ރަނގަޅުމީހާއަކީ އަވަހަށް ތައުބާވާމީހާއެވެ. ހަމައެފަދައިން އަޅުގަނޑުމެންނަށް ވެވުނުވަރަކަށް ﷲއަށާއި އެކަލާނގެ ފޮތަށާއި އެކަލާނގެ ރަސޫލާއަށާއި މުސްލިމުންގެ އިމާމުންނަށާއި އަދި ޢާންމުމީހުންނަށް ނަޞޭޙަތްދީ ހެދުމަށްފަހު މެނުވީއަޅުގަނޑޫމެންނަށް މަޑުން މަޑުން ނުތިބެވޭނެކަމާއި މެދުވެސް އެއްވެސް ޝައްކެއްނުކުރަމެވެ. މިހެން ވެއްޖެނަމަ ވާޖިބުވެގެންވަނީ ވެރީންގެ ފަރާތުން ކުށެއްފެނިއްޖެނަމަ އަނގަބަހުން ގުޅައިގެން ވާހަކަދައްކައި ނޫންނަމަ ލިޔެފައިދީގެން ނަޞޭޙަތްތެރިވުމެވެ. އެއީ އޭގައި އެމީހުންނަށް ޙައްޤު ބަޔާންކުރާނޭ އެންމެ ގާތް ރަނގަޅުގޮތް ބަލާފައި އެމީހުންނަށް އެމީހުންގެ ކުށް އޮޅުންފިލުވައި ދިނުމަށް ޓަކައެވެ. އެއަށްފަހު އެމީހުންނަށް ވަޢުޟުބުނެ އެމީހުންގެ ދަށުގައިވާ މީހުންގެ ޙައްގުތައް ހަދާންކޮށްދޭނެއެވެ. އަދި އެމީހުންގެ މަސްލަޙަތު ބަލަން ޖެހޭނެކަމާއި އެމީހުން އަނިޔާވެރިކަމުން ސަލާމަތް ކުރަންޖެހޭނެކަން ވިސްނުވައިދީ ނަޞޭޙަތް ދީގެންނެވެ. އަދި އެމީހުންނަށް ﷲ ރުއްސުންލެއްވި ރަސޫލާގެ ބަސްފުޅުހަނދާން ކޮށްދީގެންނެވެ. އެކަލޭގެފާނު ޙަދީޘް ފުޅުކުރައްވާފައިވެއެވެ: “اللهم من ولي من أمر أمتي شيئا فشق عليهم فاشقق عليه” އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެ ފަނުގެ އުއްމަތުގެ ކަމެއްޙަވާލުވެ އެމީހުންގެ މައްޗަށް ހަރުކަށިވާ މީހާގެ މައްޗަށް ހަރުކަށިވެ ލައްވާދެއެވެ”. އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ:” ما من عبد يسترعيه الله رعية يموت يوم يموت وهو غاش لرعيته إلا حرم الله عليه الجنة” ﷲ ތަޢާލާމީހަކާއި ބަޔަކު ބެލުމަށްޓަކައި ޙަވާލުކޮށްފައިވަނިކޮށް މަރުއައިސް ޖެހޭ ހިނދު އެމީހަކު މަކަރުހަދައި ނުބައިކޮށްކަންތައް ކޮށްފައިވާނަމަ އެމީހެއްގެ މައްޗަށް ﷲ ސުވަރުގެ ޙަރާމްކުރައްވާފައިވެއެވެ”. ދެން އޭނާ ޤުރުއާނުންނާއި ޙަދީޘުން ނަޞޭޙަތް ލިބިގަންފިނަމަ ބޭނުންވާ މަޤްޞަދު ފުރިހަމަ ވީއެވެ. އެހެންނޫންނަމަ ދެން އޭނަގެ ކަންތައް އެއަށްވުރެ މައްޗަށް ގެންދާނީއެވެ. އެއީ އޭނާ އިސްލާޙްކުރުމަށްޓަކައެވެ. ދެން އޭނާގެ ވަލީވެރީންގެ ތެރެއިން  އަޅުގަނޑުމެންނަށް ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންދިއުމުން އަޅުގަނޑުމެންގެ ޒިންމާ އަދާވީއެވެ. ދެން ޢާލަމްތަކުގެ ވެރި ފަރާތަށް މައްސަލަ ހުށަހެޅުން ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެއެވެ. އަދި އެފަރާތުން މުސްލިމުންގެ ޙާލާއި އެބައިމީހުންގެ ވެރީންގެ ޙާލު ރަނގަޅު ކޮށްދެއްވުމަށް އެދި ދަންނަވާނީއެވެ…

އަޚާއެވެ، އަލްޢައްލާމާ ޞާލިޙުލް ފަވްޒާންވެސް ވެރީންނަށް އެއްޗިހި ކިއުން    މަނާ ކުރެއެވެ. ހަމަ އެގޮތަށް ޢައްލާމާ އިބްނި ޖިބްރީންވެސް ފަތުވާދެއްވައެވެ.

ކުރީގައި ދެންނެވި ފަދައިން ރައްބާނީ ޢިލްމުވެރީން ކޮންމެ ވާހަކައެއް ދެއްކެވިއަސް އެބައިމީހުންގެ ވާހަކަތައް ވަރަށް އެއްގޮތްވާނެއެވެ. އިމާމް އިބްނު ޢުޘައިމީން ފަދައން އަލްޢައްލާމާ ޞާލިޙުލް ފަވްޒާނާއި އިބްން ޖިބްރީންވެސް ވެރީންނަށް އެއްޗިހި ކިއުން  މަނާކުރައްވައެވެ. ފަޟީލަތުއް ޝެއިޚް ޞާލިޙުލް ފައުޒާނާއި މީސްތަކުން އެއްވެސް ޝަރުޢީ އުޞޫލަކަށް ބެލުމެއްނެތި ވެރީންނާއި ދެކޮޅަށް ނުކުންނަވާހަކަ ބުނެ ނުބައި ވެރީންނާއި މުޢާމަލާތް ކުރާނެގޮތާއި ބެހޭގޮތުން ސުވާލުކުރެވުނު ހިނދު ދެއްވިޖަވާބަކީ:…” اسمع وأطع وإن ضرب ظهرك وأخذ مالك” رواه مسلم.  “ގައިގައި ތަޅައި މުދާ ފޭރުނު ކަމުގައި ވިޔަސް ކިޔަމަނުގައި ބަސްޤަބޫލުކޮށްގެން ވާށެވެ”، ވީމާ މުސްލިމުން އެބައިމީހުންގެ ވެރިޔާއަށް ކިޔަމަންގަތުމަކީ ﷲގެ ކިޔަމަންތެރިކަމުގެ ދަށުންވާ ބޮޑު ވާޖިބެކެވެ. އެކަމަކު ނުބައިކަމަކަށް އަމުރުކޮށްފިނަމަ ކިޔަމަންވާކަށް ނުޖެހޭނެއެވެ. އެކަމަކު ﷲއަށް އުރެދުމެއް ނުވާ އެނޫންކަންތައްތަކުގައި ކިޔަމަން ވާންޖެހޭނެއެވެ…

ފަޟީލަތުއްޝެއިޚް އިބްނިޖިބްރީން ވިދާޅިވަފައިވެއެވެ:” ރައްޔިިތުންނަށްވަނީ އެބައި މީިހުންގެ ވެރިން ތަޅައި މުދާގެންދިޔަ ކަމުގައިވިޔަސް އަޑުއަހައި ކިޔަމަންވުމެވެ…”.

އަޚާއެވެ. އިމާމް އިބްނި ބާޒް ވެރީންނަށް އެއްޗިހި ކިއުން މަނާކުރައްވައެވެ.

އިމާމް އިބްނި ބާޒަކީ ސަލަފުއްޞާލިޙުންގެ އިމާމުންނަށް ތަބަޢަވެވަޑައިގަންނަވާ އިމާމުންގެ ތެރެއިން މިފަހަކަށް އައި އެންމެ ވަރުގަދަ އެއް ޢިލްމުވެރިޔާއެވެ. ފާފަތައް ކޮށް ބޮޑެތި ކަބާއިރަށް އަރައިގަންނަ ވެރީންނާއި ދެކޮޅަށް ނުނުކުމެވޭނެކަން ބަޔާންކުރައްވައި އިމާމް އަބްދުލް ޢަޒީޒް ބިން ބާޒް ވިދާޅުވެފައިވެއެވެ: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:”{يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً }النساء   59 މާނައީ”އޭއީމާން ވެއްޖެ މީސަތަކުންނޭއެވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ. އަދި ﷲގެ ރަސޫލާއަށް ކިޔަމަންވާށެވެ. އަދިތިޔަބައިމީހުންގެވެރިންނަށް ކިޔަމަންވާ ށެވެ. އަދި ތިޔަބައިމީހުން އެއްވެސްކަމެއްގައި އިޚްތިލާފްވެއްޖެނަމަ އެކަމެއް ﷲއާއި ރަސޫލާއަށް ރައްދޫކުރާހުށިކަމެވެ. އެއީތިޔަބައިމީހުން ޤިޔާމަތްދުވަހަށާއި އާޚިރަތްދުވަހަށް އީމާންވާނަމައެވެ.އެކަމަކީ ތިޔަބައިމީހުންނަށް ހެޔޮގޮތެވެ އަދި ފުރިހަމަ ނިންމުމެކެވެ.” ދެންފަހެ މިއާޔަތަކީ ވެރީންނަށް ކިޔަމަންވުމަކީ ވާޖިބެއްކަން އަންގައިދޭ ނައްޞެކެވެ. ރައީސުންނާއި ޢިލްމުވެރީން ވެރީންގެ ތެރޭގައި ހިމެނެއެވެ. ﷲ ރުއްސުންލެއްވި ރަސޫލާގެ ފަރާތުން ޞައްޙަ ސުންނަތުން ސާބިތުވެފައިވާގޮތުން މިކިޔަމަންތެރިކަމަކީ ލާޒިމްކަމެކެވެ، އަދި ހެޔޮކަންތައްތަކުގައި ފަރުޟެކެވެ. ސުންނަތުގެ ނައްޞުތަކުން އެކަން ބަޔާންވެފައިވެއެވެ، އަދި އާޔަތުގެ މުރާދަކީ ހެޔޮކަންތައްތަކުގައި އެބައިމީހުންނަށް ކިޔަމަންތެރިވުމެވެ. ވީމާ މުސްލިމުންނަށް ވާޖިބުވެގެންވަނީ ވެރީންނަށް ހެޔޮކަންތައްތަކުގައި ކިޔަމަންވުމެވެ. އަދި ނުބައިކަންތައްތަކުގައި ކިޔަމަން ނުވުމެވެ. ނުބައިކަމަކަށް އަމުރުކޮށްފިނަމަ އެކަމުގައި ކިޔަމަން ނުވެވޭނެއެވެ އެކަމަކު އެމީހުންނާއި ދެކޮޅަށް ނުކުތުމަކީ އެތައް ސަބަބަކަށްޓަކައި ހުއްދަވެގެންވާ ކަމެއްނޫނެވެ.  ސަލާމާއި ޞަލަވާތްލެއްވި ﷲގެރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ:”ألا من ولي عليه وال فرآه يأتي شيئا من معصية الله؛ فليكره ما يأتي من معصية الله ، ولا ينزعن يدا من طاعة ” . رواه مسلم. ދަންނާށެވެ، ތިމާގެ މައްޗަށްވާ ވެރިޔާގެ ފަރާތުންކުށެއް ފެނިއްޖެކަމުގައިވާނަމަ އެކުށަށް ހިތްހަމަނުޖެހޭށެވެ އެހެންނަމަވެސް ކިޔަމަންތެރި ކަމުން ބޭރުނުވާށެވެ”.

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ:” ومن خرج من الطاعة وفارق الجماعة فمات مات ميتة جاهلية”  މާނައީ:” ކިޔަމަންތެރި ކަމުން ބޭރުވެ، ޖަމާޢަތުން ނުކުމެހުއްޓާ މަރުވެއްޖެނަމަ މަރުވާ ހުށީ ޖާހިލިއްޔަ މަރެއްގައެވެ”.

އަދިވެސް ކީރިތިރަސޫލާ ޙަދީޘްކުރައްވާ ފައިވެއެވެ. قال رسول الله صلى الله عليه وسلم: “” على المرء المسلم السمع والطاعة فيما أحب وكره ما لم يؤمر بمعصية ، فإذا أمر بمعصية فلا سمع ولا طاعة”- مسلم-

“މީހާގެމައްޗަށް ވަނީ އޭނާރުހޭ ކަންކަމުގައްޔާއި، ނުރުހޭ ކަންކަމުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ނުބައި ކަމަކަށް އަމުރުކުރެވުމުން މެނުވީއެވެ. ފަހެ ނުބައިކަމަކަށް އަމުރުކުރެވިއްޖެނަމަ އަޑުއެހުމެއް، އަދިކިޔަމަންގަތުމެއް ނުވެއެވެ. “އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ. وعن عبد الله بن مسعود ، قال: قال لنا رسول الله صلى الله عليه وسلم: “” إنكم سترون بعدي أثرة ، وأمورا تنكرونها “” قالوا: فما تأمرنا يا رسول الله ؟ قال: “” أدوا إليهم حقهم ، وسلوا الله حقكم-متفق عليه- “”އަޞްޙާބު ބޭކަލުންނަށް ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން އެބައެއްގެ ޢަމަލުތަކާއި މެދު، ހިތްހަމަނުޖެހޭ އަދި އެބައިމީހުން ކުރާކަންތައްތަކަށް އިންތިހާއަށް ނުރުހޭނެ ވެރިންތަކެއް ތިމަންކަލޭގެފާނަށްފަހުން އަންނާނެއެވެ. އަޞްޙާބުން ދެންނެވިއެވެ. އެބައިމީހުންނާއި މެދު އަޅުގަނޑުމެން ޢަމަލުކުރަންވީ ކިހިނަކުންތޯއެވެ؟ ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ މައްޗައްވާ ޙައްޤުތައް އަދާކޮށް، ތިޔަބައިމީހުންގެ ޙައްޤު ހޯދުމަށް ﷲގެޙަޟްރަތުން     އެދޭށެވެ” އަދިމާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނިއްޞާމިތު ރިވާކުރައްވާފައިވެއެވެ.         “بايعنا رسول الله صلى الله عليه وسلم على السمع والطاعة في المكره والمنشط والعسر واليسر” السنة، (1035)

“އަހަރުމެން ހިތްހަމަޖެހޭ ކަންކަމުގައްޔާއި، ހިންހަމަނުޖެހޭ ކަންކަމުގައްޔާއި، ފަސޭހަކަންކަމުގައްޔާއި، އުދަގޫ ކަންކަމުގައި އަޑުއަހައި ކިޔަމަންގަތުމަށް ﷲ ގެ ރަސޫލާއަށް ބައިޢަތުހިފީމެވެ”. އަދިއެކަލޭގެފާނުވިދާޅުވިއެވެ.”إلا أن تروا كفرا بواحا عندكم من الله فيه برهان”  “ނަމަވެސް ﷲގެ ޙަޟުރަތުން ތިޔަބައިމީހުންނަށް އެކަމަކަށް ދަލީލް ލިބިކަނޑައެޅިގެން ހުރިކާފިރުކަމެއް ފެނުމުން މެނުވީއެވެ”. މީގެއިން ދޭހަވަނީ ވެރީންނާއި ދެކޮޅަށް ނުކުމެ ނުކިޔަމަންތެރިވުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ. އެއީ އޭގައި ﷲގެ ޙަޟްރަތުން ދަލީލުލިބިވާ ސާފުސީދާ އެއްވެސް ޝައްކެއްނެތް ކާފިރުކަން އޭމީހުންގެ ފަރާތުންފެނިއްޖައުމަށް ދާންދެނެވެ. އެހެނީ އެބައިމީހުންނާއި ދެކޮޅަށް ނުކުތުމަކީ އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސާދަ އުފެދި ޖަރީމާތައް ފެތުރިދާނޭކަމަކަށްވާތީއެވެ. އަދި އަމަން އަމާންކަން ގެއްލި މީހުންގެ ޙައްޤުވެސް ނެތިދާނެއެވެ. އަދި ނުބައި ކަންތައްތައް ކުރާމީހުން އެކަންތައްތަކުން ދުރުނުކުރެވޭނެއެވެ. އަދި އަނިޔާވެރިޔާއަށް ނަޞްރުވެސް ނުދެވޭނެއެވެ… ފަހެ ނުބައިކަންތައްތައް އެއަށްވުރެ ނުބައިކަމަކުން ދުރުކުރުމަކީ ދަންނަބެއިކަލުންގެ އިޖްމާޢުން ހުއްދަނޫން ކަމެކެވެ… އަދި ދަންނާށެވެ، އެމީހުންނާއި ދެކޮޅަށް ނުކުތުމުން ބޮޑެތި ފަސާދަ ފެތުރި އަމަން އަމާންކަން ގެއްލި އަނިޔާވެރިކަން ފެތުރި ޙައްގު ނުވާމީސްތަކުން ހައްޔަރުކުރެވި އެތައްއެތައް ނުބައިކަން ފެތުރިގެންދާނެއެވެ. ވުމާއިއެކު އެފަދައިން ވެރީންނާއި ދެކޮޅަށް ނުކުތުމަކީ ހުއްދަނުވާނެކަމެކެވެ. އަދި ކިއެއްހެއްޔެވެ. ކިޔަމަންތެރިކަމާއެކު ބަސްއަހައި ކެތްތެރިވުން ވާޖިބުވާނެއެވެ…”

އަދިވެސް ވެރީންނަށް ކިޔަމަން ވުމުގެ ވާހަކައަކީ އަހްލުއްސުންނަތް ވަލް ޖަމާޢަތުގެ އަސްލަކަށްވާއިރުވެސް މިކަމަކީ ނިކަމެތި ފިނޑިކަމެއްކަމަށް ބައެއްމީހުން ބުނާތީ ވިދާޅުވެފައިވެއެވެ:” އެއީ ނުބައި ހީކުރުމެކެވެ. އަދި ނުވިސްނޭކަމުން ބުނާ ބަހެކެވެ، އެހެނީ އެބައިމީހުންނަށް ސުންނަތް ނުވިސްނެއެވެ، އަދިދަންނަންވާ ގޮތަކަށް ނުވެސް އެނގޭމެއެވެ، ޖޯޝާއި މުންކަރު ނައްތާލުމަށްވާ ލޯތްބެއްގެ ސަބަބުން އިސްލާމްދީން ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަންނަނީއެވެ.އެއީ ޚަވާރިޖުންނާއި މުޢުތަޒިލާއިންނަށް ވީގޮތެވެ….

ވީމާ އެއްގޮތަކަށްވެސް ޒުވާނުންނަށްވެސް އަދި އެނޫންމީހުންނަށްވެސް ޚަވާރިޖުންނާއި މުޢުތަޒިލީން ކަންތައްކުރިފަދައިން ކަންތައްކުރާކަށް ހުއްދައެއް ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ، އެބައިމީހުންނަށް ވާޖިބުވެގެންވަނީ އަހްލުއްސުންނަތު ވަލްޖަމާޢަތުގެ ގޮތުގައި ހިފެހެއްޓުމެވެ.ޝަރުޢީ ދަލީލްތަކުން ދޭހަވާ ނުޞޫޞުތަކާއި އެއްގޮތަށެވެ. ވެރިޔާއާއި ދެކޮޅަށް އޭނާފާފަ ކުރާތީ ނުވަތަ ނުބައިކަންތައްކުރާތީ ނުކުތުން އެއްގޮތަކަށްވެސް ހުއްދައެއްނުވާނެއެވެ…”.

އަޚާއެވެ، އިމާމް މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީވެސް ވެރީންނަށް އެއްޗިހި ކިއުމަކީ މަނާކަމެއްކަމަށް ވިދާޅުވެއެވެ.

އިމާމް މުޙައްމަދު ނާޞިރުއްދީން އަލްބާނީ ވިދާޅުވެފައިވެއެވެ:” ވެރީންނާއި ދެކޮޅަށް ނުކުތުމުގެ ބަލިޖެހިފައިވާ މީހުންނަށް ނުވިސްނެއެވެ، ހަތަރު ޚަލީފާއިންނާއި ޢުމަރު ބިން ޢަބްދުލް ޢަޒީޒަށްފަހު އިސްލާމީއުއްމަތަށް އައީ ވަރަށް މަދު ރަނގަޅު ވެރީންތަކެކެވެ. ދެން ހަމަ ގިނަމީހުންނަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިގޮސް ތިބި ބައެކެވެ. އެހެނަސް ޢިލްމުވެރީން އެބައިމީހުންނާއި އެކު ކަންތައް ކޮށްފައިވާ ގޮތް ފޮތްތަކުގައި ބަޔާންކުރެވިފައިވާނެއެވެ.”

މިހެންވެ އިމާމުއަޙުމަދާއި، އިމާމުމާލިކާއި، އިމާމުއަބޫޙަނީފާއާއި ސުންނަތް ޖަމާޢަތުގެ ބޮޑެތި އެތަކެއް އިމާމުންނަށް އޭރުގެއަނިޔާވެރި ވެރިންގެފަރާތުން އެތައް ޢުޤުބާތެއް ލިބިވަޑައިގެން ފައިވެއެވެ. އެހެންނަމަވެސް ކެތްތެރިވީއެވެ. ތަޙައްމުލުކުރަން އުދަގޫފުޅު ވާވަރަށްތިން ޚަލީފާއިން އިމާމްއަޙްމަދަށް ޢުޤޫބާތްދިނެވެ. ނަމަވެސް އެވެރިން ކުރި ތައުވީލެއްގެ ސަބަބުން ދިމާވި މައްސަލަތަކެއް ކަމުގައިވީތީ ކެތްތެރިވީއެވެ. ވެރީންނަށް މިއިން އެއްވެސްބޭފުޅަކު ހަޑިހުތުރުބަހުރުވައިން އެއްޗެހިކިޔާފައި ނެތެވެ. އަދި އޭރުގައި ވެރިއަކަށް ހުރީޚަލީފާ މައުމޫނު އެހާނުބައިއިރުގައިވެސް ޣީބައެއް ނުބުނެއެވެ. މައުމޫނު ބިދުޢަހަދާ، އެބިދުޢަ މީސްތަކުންނަށް އުގަންނައިދީ އެއަށްތަބަޢަވުމަށް މީސްތަކުންނަށް މަޖުބޫރުކޮށް އަދިމީހުންމަރާހެދި އިރުގައިވެސް އޭނާޔާއި ދެކޮޅަށް އިމާމްއަޙްމަދު ބަޣާވާތެއް ނުކުރެއެވެ. އޭނާގެ ޣީބަބުނުން ހުއްދަކަމަށްނުބުނެއެވެ. މުޚާތަބްކުރެއްވީ:” އޭ،މުއުމިނުންގެވެރިޔާއެވެ”މިފަދައިންނެވެ. މުޅިއުއްމަތް އޮތީ އޭރު އިމާމުއަޙްމަދުގެ ބަހަކަށް އިންތިޒާރުގައެވެ. ނަމަވެސް ކެތްތެރިވެވަޑައިގަތެވެ. ނަތީޖާއަކީ މިއަދު ސުންނަތް ޖަމާޢަތުގެ އިމާމަކަށް ވުމެވެ.އަދި އެވަގުތު ހިނގި ފިތުނަ، ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުނުކޮށް ނިމުނީއެވެ، މުޖުތަމަޢުގައި އެއްބައިވަންތަކަން ދެމެހެއްޓުނީއެވެ.

ޙައްޖާޖު ބުނިޔޫސުފަކީވެސް ވަރަށް ބޮޑު އަނިޔާވެރިއަކު ކަމަށް އުއްމަތް އިއްތިފާޤުވެއެވެ. އޭނާގެ އަނިޔާވެރިކަމުން، އެތަންހާސް މުސްލިމުންނާއި ވަރަށްގިނަ ޢިލްމުވެރިން ކަތިލާފައިވެސް ވެއެވެ. އޭގެތެރޭގައި ﷲގެރަސޫލާ، ސުވަރުގެ ވަނުމުގެ އުފާވެރި ކަމުގެޚަބަރު ދެއްވާފައިވާ މާތްޞަޙާބީ ޢަބްދުﷲބިންޒުބައިރާއި ތާބިޢީބޭކަލުންގެ އިމާމު ސައީދުބިން ޖުބައިރުވެސް ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް ސަލަފުއްޞާލިހުންގެ މާތްބޭކަލުންގެ ޢަމަލްތައް ހުރިގޮތް ފޮތްތަކުގައިއެވަނީއެވެ. އަދިކިއެއްތޯއެވެ. އޭނާއަށްޣީބަބުނެ އެއްޗިހިކިޔުން ޞަހާބީބޭކަލުން މަނާކުރިކަންދީނީ ޢިލްމުވެރީންގެ ފޮތްތަކުގައިހާމަކުރައްވާފައިވެއެވެ. އޭގެތެރޭގައި މާތްވެގެންވާ ސަޙާބީ ޢަބްދުﷲ ބިންޢައްބާހާއި ޢަބްދުﷲބިންޢުމަރު ފަދަމާތްސަޙާބީން ހިމެނިވަޑައިގަނެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here