މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އަލީ އަޝްފާޤް (ދަގަނޑޭ) ގެ ދެލަނޑާއެކު ސަސްއިން ކްލަބް ވެލެންސިޔާ އަތުން 5-0 އިން މޮޅުވެއްޖެއެވެ.

އެންމެފަހުގެ ޗެމްޕިއަން ވެލެންސިޔާ ކޮޅަށް ދަގަނޑޭގެ އިތުރުން ދެން ލަނޑު ޖަހައިދިނީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އާއި މުހައްމަދު ސަހާއު (ބޭލް) އާއި އަހްމަދު ހަމީދު (އައްމަޑޭ) އެވެ. މީގެ ތެރެެއިން ސަހާއު ޖެހި ލަނޑު ގޯލަށް ވަނީ އޭނާ ނެގި ކޯނަރެއް ވެލެންސިޔާ ކީޕަރު އަތުގައި ޖެހިފައެވެ.

މިމެޗުގައި ދަގަނޑޭ،37، ކާމިޔާބު ކުރި ލަނޑަކީ މިދިޔަ ދޮޅު އަހަރެއްހައި ދުވަހު ތެރޭގައި ގަލޮޅު ދަނޑުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މިދިޔަ ދޮޅު އަހަރެއްހައި ދުވަހު ދަގަނޑޭ ގިނަ ދުވަސްތައް ހޭދަކުރީ އަނިޔާގައެވެ. މިދިޔަ ސީޒަން ވެލެންސިޔާއަށް ދަގަނޑޭ ކުޅުނުއިރު ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސީޒަން އެއްކޮށް އޭނާ ހޭދަކުރި އަނިޔާގައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން 7 މަހުގެ މެދުކަނޑުމަކަށްފަހު އަލުން ފަށައިގެން އުޅޭއިރު، ކުޅިވަރު ކަލަންޑަރު އަދި މިހާތަނަށް އެފްއޭއެމްއިން ހާމަކޮށްފައެއް ނުވެއެވެ. އެފްއޭއެއިމް ހާމަ ކޮށްފައި ވަނީ ފުރަތަމަ އޮންނާނީ ޕްރެޒިޑެންޓްސް ކަޕް ކަމަށެވެ. މާޒިޔާ އާއި އީގަލްސް ފިޔަހައި ފުރަތަމަ ޑިވިޜަނުގައި ވާދަކުރާ އެހެން ޓީމުތަކުން ޕްރެޓިކްސް ފެށީ މުބާރާތް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯ ސްޕޯޓްސްއެވެ.