އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ބައްދަލުކުރައްވަން ވާނީ އެމްޑީޕީގައި އެމަނިކުފާނު ހުންނެވި މަޤާމުގެ ހައިސިއްޔަތުން ކަމަށް މަރަދޫ ދައިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ މެމްބަރެއްގެ އިތުރުން އެޕާޓީގެ ރައީސެވެ. އެހެންކަމުން ޝަރީފް ވިދާޅުވެފައިވާ ގޮތުންނަމަ ރައީސް ނަޝީދު، ރައީސް ޞާލިޙާ ބައްދަލުކުރައްވަން ވާނީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުވަނީ ރައީސް ޞާލިހާ ބައްދަލުކުރައްވަން އެދިވަޑައިގެންފައެވެ. އެ ހުށަހެޅުއްވުމާމެދު ޝަރީފް ވިދާޅުވީ ޤާސިމް އިބްރާހީމަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ޤާސިމާ ބައްދަލު ކުރެއްވުން އެއީ މައްސަލައެއް ނޫންކަމަށެވެ. "މުޙައްމަދު ނަޝީދުވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ބައްދަލުކުރަން ވާނި އެމްޑީޕީގައި ހުންނެވި މަޤާމުގެ ހައިސިއްޔަތުން،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވަނީ ރައީސް ނަޝީދާއި ޤާސިމް އިބްރާހީމާ ދެބޭފުޅުންނަށް ބޮޑު ތުހުމަތެއް ވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެ ދެބޭފުޅުން އުޅުއްވަނީ ރައީސް ޞާލިޙުގެ ވެރިކަން ވައްޓާލުމަށް ބައިއަތު ހިއްޕަވައިގެން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުން ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ބައްދަލު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވޯޓެއް ނެގުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.