މިއަދު ކުރިއަށްދާ ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލާ ވަގުތު އިތުރު ކުރުމުން ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ފާޑު ވިދާޅުއްވެއްޖެއެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަގުތު އިތުރުކުރީ އެއްވެސް ވަރަކަށް ޕީޕީއެމް މަޝްވަރާ ނުކޮށް ކަމަށެވެ. "މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނޭކަން އެނގޭތީ ޖަރީމާ ހިންގަން ކުރިކަމެއް. ގަޑިއިތުރުކުރަން ނިންމި ނިންމުން ޕީޕީއެމުން ބަލައެއް ނުގަންނަން،" ޝިޔާމް ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކުރީ ގުރައިދޫ ދާއިރާއަށް ވާދަކުރާ ޕާޓީތަކާ މަޝްވަރާ ކުރުމެއްނެތި ކަމަށެވެ. އެކަން އެގޮތަށް ކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ފުއާދު އެއްބަސްވެފައިވާ ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. މިކަން މިގޮތަށްކުރީ އެމްޑީޕީގެ ހިސާބު ދިމާނުވެގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެެއެވެ.

"މިއަދު ކުރިއަށްދާ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕާޓީތަކާ މަޝްވަރާ ކުރުމެއްނެތި ވޯޓްލުމުގެ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ނުފޫޒު ފޯރުވައިގެންކަމަށް ފުވާދު އެއްބަސްވެއްޖެ.މީMDPގެ ހިސާބު ދިމާނުވެގެންކުރި ކަމަކަށްވަނީ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންދަން ކުރިން ނިންމާފައިވަނީ ހަވިރު 4:00 އާ ހަމައަށެވެ. އެހެންނަމަވެސް ވިއްސާރަވުމުގެ ސަބަބުން ވޯޓުލާން އަންނަ މީހުންނަށް ދަތިތަކެއް ކުރިމަތިވާތީ އެ ވަގުތު މީހާރުވަނީ ހަވީރު 5:00 އަށް އިތުރުކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާުވެފައެވެ.

ވޯޓޫލުމަށްފަހު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. ގުނަން ފަށާގަޑި އެ މަރުކަޒަކުން އިއުލާން ކުރާނޭ ކަމަށްވެސް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް 1766 މީޙުންނަށްވުރެ ގިނަ މީހުން ވަނި ވޯޓުލައިފައެވެ.

މި އިންތިޚާބުގައި އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީން ވަނީ ކެންޑިޑޭޓުން ނެރެފައެވެ.