ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 2-44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ.ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ޞަލާޙާ އެޕްރީލް 13 ވީ ބުރާސްފަތި ދުވަހު ޢައްޔަން ކުރައްވައިފިއެވެ.
ފާޠިމަތު ޞަލާޙާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ފާޠިމަތު ޞަލާޙާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ފާޠިމަތު ޞަލާޙާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ.
މީގެ އިތުރުން ފާޠިމަތު ޞަލާޙާ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މީގެ ކުރިން ފާޠިމަތު ޞަލާޙާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމުގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް ފާޠިމަތު ޞަލާޙާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު އަދާކުރައްވާފައެވެ.