1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 15ވަނަ ފޯރަމް، މިރޭ އޮންނާނެ ކަމަށާއި މި ފޯރަމްގައި ތަޤްރީރުކުރަށްވާނީ ޑރ. އަނާރާ ނަޢީމް އަދި އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ޢަބްދުއްސަތާރު ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން އިތުރަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްވަނީ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލެވިފައިވާނެ ކަމަށާއި މި ފޯރަމްގައިވެސް ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާގެ ފޮތްބައި ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި ފޯރަމަށްފަހު، މިއަހަރު ބާއްވާ އިޙްޔާ ފޯރަމްތަކުގެ އެންމެ ފަހު ފޯރަމް އޮންނާނީ މި ހަފްތާގެ ބުދަ ދުވަހުގައެވެ. އަދި ބުދަ ދުވަހުގެރޭ އޮންނަ ފޯރަމްގައި މާލޭގައި ބޭއްވި ހުރިހާ އިޙްޔާ ފޯރަމްތަކުގެ ގުރުއަތުން، 1ވަނަ، 2ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތައް އިޢުލާންކުރުން އޮންނާނެ ކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3 ވަނައަށް ސޯފާސެޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިރޭގެ މައުޟޫޢަކީ ”މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫއެވެ.