ނ،. މަނަދޫގައި،މި މަހުގެ ހަތް ވަނަ ދުވަހު، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ ތަގުގީގަށް އެރަށުގެ ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފިންގަ ޕްރިންޓް ނަގައިފިއެވެ.

މަނަދޫގައި ނައީމާ ދިރިއުޅޭ ގޭގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނުފަހުން މިވަނީ ހަފުތާއެއް ވެފައެވެ. އެ މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މަނަދޫގެ ބައެއް މީހުންގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފައެވެ. ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގާފައިވަނީ ހުކުރު ދުވަހު ނައީމާ ދިރިއުޅޭ އަންނާރުމާގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުންގެއެވެ. އަދި އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ އިތުރުން އާއިލާގެ ބައެއް މީހުންގެއެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނައީމާގެ އާއިލާއިންވެސް މިއިން އެއްވެސް ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނައީމާގެ މަރަށްފަހު މަނަދޫގައި ފުލުހުންނާއި ފޮރެންސި ޓީމެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ދަނީއެރަށުގެ އާއްމުންނާވެސް ސުވާލު ކުރަމުންނެވެ. އެގޮތުން ބައެއް ގޭގެއަށް ގޮސް ނައީމާ އެންމެ ފަހުން ފެނުނީ ކޮންއިރަކުތޯ އާއި ނައީމާއާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާކަން އެނގިފައިވެއެވެ. އަދި ނައީމާގެ ހަބަރެއް ނުވެ ހިނގައި ދިޔަ ދުވަސްތަކުގައި ޝައްކު ކުރެވޭ ކަމެއް ރަށު ތެރެއިން ފެނިފައިވޭތޯވެސް ފުލުހުން ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން ނައީމާ މަރާލާފައި އޮއްވާ ފެނުނު ނައީމ ދިރިއުޅެމުންދިޔަ ގޭގެ ކުރިމަތީގައި ހުންނަ ވޯކް ސައިޓްގައި މަސައްކަތް ކުރާ ބިދޭސީންނާވެސް ސުވާލުކޮށްފައިވެއެވެ.

ނައީމާގެ މަރާ ގުޅިގެން ފުލުހުން ވަނީ އެރަށު ފަޅު ގޯއްޗެއްވެސް ބަލައިފާސްކޮށްފައެވެ. ނަމަވެސް އެތަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.

ނައީމާގެ މަރާ ގުޅޭ ގޮތުން މަނަދޫގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، ނައީމާގެ މަރަކީ މަނަދޫގެ ތާރީހުގައިވެސް ހިނގައި ދިޔަ އެންމެ އަނިޔާވެރި މަރެވެ. އެ މަރާ ގުޅިގެން މަނަދޫގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން، އާއިލާގެ ބަޔަކާއި ފުލުހުން ގޮސް އަންނާރުމާގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަން އިރުގައެވެ. އެއިރު ލެއިން ތަތްތެޅިފައި ތަޅުންގަނޑުމަތީގައި ނައީމާގެ ހަށިގަނޑު އޮތެވެ. ނައީމާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ކަރުންވެސް ފުން ޒަހަމްތަކެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.