ޕިޔޮން ޔޮންގ: އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮން ޔޮންގުގައި 10،000 އެޕާޓްމަންޓް އެޅުމަށް ހިންގި މަޝްރޫއު ނިންމަވައި، ލީޑަރު ކިމް ޖޮން އުން ކުލަ ގަދަކޮށް ރޭ ކާމިޔާބީ ފާހަގަ ކުރައްވައިފިއެވެ.

ކާމިޔާބީ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ކިމް ބައިވެރިވިވަޑައިގެންނެވި މަންޒަރު އުތުރު ކޮރެއާގެ ގައުމީ ޓީވީން ވަނީ ވަގުތުން ދުރަށް ދައްކާފައެވެ. މިރަސްމިއްޔާތުގައި އުތުރު ކޮރެއާގެ އިސް ބައެއް އެހެން ލީޑަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކިމް ޖުން އުން ވިދާޅުވީ މިމަޝްރޫއު ނިމުމަކީ އުތުރު ކޮރެއާގެ ރައްޔިތުންނާއި އޭނާގެ ޕާޓީއިން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. މީގެ އިތުން ކިމް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ފެންވަރު ސިޓީއަކަށް ޕިޔޮން ޔޮންގ ހެއްދެވުމުގެ މަސައްކަތްޕުޅު ކަމަށެވެ.

އެމެރިކާ އާއި އެމެރިކާއަށް އެހީވެދޭ ބައިވެރިންގެ ދަތި ކުރުމުގެ ފިޔަޅުވަތަކާއެކުވެސް އުތުރު ކޮރެއާއިން ގެންދަނީ ޕިޔޮން ޔޮންގުގައި 50،000 ހައުންސިން ޔުނިޓް އެޅުމުގެ ބޮޑު އެހެން މަޝްރޫއެއްވެސް ކުރިއަށް ގެންދަމުންނެވެ. އުތުރު ކޮރެއާއިން އަމާޒު ހިފާފައި ހުރީ މި މަޝްރޫއު 5 އަހަރު ތެރޭގައި ނިންމުމަށެވެ.