އާބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާފައި ވަނީ ޖުމްލަ ހަ ދާއިރާއަކުންނެވެ. މިއީ އާ ހުނަރުތައް ތަރައްގީކުރުމާއި މަސައްކަތުގެ ދާއިރާތަކުން ހާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީނު ހޯދައިދިނުމުގެ އަމާޒުގައި، އާބަންކޯއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ،

އާބަންކޯ އިން ހާމަކުރާ ގޮތުގައި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ހަ ދާއިރާއަކުން ޖުމްލަ 100 ޖާގަ ވަނީ ހުޅުވާލާފައެވެ. އޭގެ ތެރެއިން 82 ޖާގަ ހާއްސަ ކޮށްފައިވަނީ އާއްމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަށެވެ. ބާކީ 18 ޖާގަ ހާއްސަކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފުންނަށް ކަމަށްވެސް އާބަންކޯއިން ހާމަކޮށްފައިވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަޢް:

  • ސޯޝަލް ސެކްޓާ
  • އައިސީޓީ
  • ޓްރާންސްޕޯޓް ސެކްޓާ
  • ޓުއަރިޒަމް ސެކްޓާ
  • ފިޝަރީޒް އެންޑް އެގްރިކަލްޗާ
  • ކޮންސްޓްރަކްޝަން ސެކްޓާ

އާބަންކޯ އިން މައުލޫމާތު ދޭ ގޮތުގައި މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާ އިރު، ދަނޑުވެރިކަމާއި ކޮމްޕިއުޓަރު ހާޑްވެއާ، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ވެލްޑިން އާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

މިއީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ހާއްސަ އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާ ދިނުމަށް އާބަންކޯއިން ވަނީ ނިންމައިފައެވެ. ޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓު ހާސިލުކުރާ ބައިވެރިންނަށް އާބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ބައިވެރިވާން އެދޭ ފަރާތްތަކަށް މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.