އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން އެމްއެންޑީއެފަށް ދިން ޝިޕް މާލެ އަތުވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އުޅަނދެވެ. އޭގެ އިތުރުން އެއީ ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ވެސް މެއެވެ. އެއީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ 2 އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އައީސް ވެސް އިންޑިޔާގެ ހިލޭ އެހީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މިގޮތުން މިހާތަނަށް 6 ފަހަރެއްގެ މަތިން މިއުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތުވަނީ ކޮށްފައެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާކުރައްވާފައެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެކެވެ.

ހުރަވީގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި އުޅަނދު ރާއްޖެ އައިސްފައިވަނީ އެޕްރީލް 15 ވަނަ ދުވަހުއެވެ. މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. މިގޮތުން މިއަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ.

ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރު އިންޑިޔާއިން ހަދިޔާކުރުމަށް ހަމަޖެހިފައިވާ އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެކެވެ. މިއުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަންކުރެވޭނެއެވެ.