އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހއ. ދިއްދޫގައި ފާރެއް ވެއްޓި އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށް ރޯޑްކޯޕަރޭޝަނުގެ ދިއްދޫސައިޓްގެ ސުޕަވައިޒަރަކު ބުނެފިއެވެ. އޭނާ ބުނީ އަނިޔާވި މީހާއަށް މިހާރު އަންނަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

ހއ ދިއްދޫގެ މަގުތައް ހަދަމުންދާ ރޯޑް ކޯޕުރޭޝަންގެ މުއައްޒިފުން މަސަތްކަތުގައި އުޅެނިކޮށް ކައިރީގައި ހުރި ފާރެއް ވެއްޓުމުގެ ސަަބަބުން ދެ މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ނުވެއެވެ. ބޮޑަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ސުޕަވައިޒަރ ބުންޏެވެ. "ކްރިޓިކަލް ހާލަތެއްގަ ނޫން އޮތީ. ފައި ބިންދައިގެން ދިޔައީ. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ނުވޭ." ސުޕަވައިޒަރ މުހައްމަދު ޒާހިރު ބުންޏެވެ.

ޒާހިރު ބުނި ގޮތުގައި ފާރު ވެއްޓުނީ ހޮޅިދަނޑި ޖެހުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ފާރު ވެއްޓުނީ މަސައްކަތުގައި ތިބި ދެމީހުންގެ ގައިމައްޗަށް ކަމަށްވިޔަސް ނަސީބު ރަނގަޅުކަމުން އެ ދެމީހުންނަށް ވެސް ސީރިޔަސް އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ހާދިސާ ހިނގުމާއެކު ވަގުތުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައި ކަމަށް ޒާހިރު ބުންޏެވެ.