ބަންގްލަދޭޝް އާބާދީގެ %37 އާއިލާ ދިރިއުޅެމުން އަންނީ ލޯނު ނަގައިގެން ދަރަނީގައި ކަމަށް އެގައުމުގެ ތަފާސް ހިސާބާއި ބެހޭ ރަސްމީ އޮފީހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ތަފާސް ހިސާބާއި ބެހޭ ރަސްމީ އޮފީސް، ބަންގްލަދޭޝް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިދިޔަ އަހަރު މައުލޫމާތު އެއްކޮށް ހެދި މިސާރވޭއިން ދައްކާ ގޮތުން އާއިލާތަކުން ލޯނު ނަގަމުން ދަނީ ބޭންކްތަކުންނާއި ގާތް ރަހްމަތްތެރިން އަތުންނެވެ. މިފަދަ ސަރވޭއެއް 2016 ވަނަ އަހަރުވެސް ބަންގްލަދޭޝްއިން ކުރިއެވެ. އެފަހަރު އާއިލާތަކުން ލޯނު ނަގާ ނިސްބަތްހުރީ %29 ގައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރަޝިޔާއިން ޔޫކްރައިނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޑޮލަރުގެ ތާށިކަން ބަންގްލަދޭޝްއަށް ކުރިމަތިވެ އާންމު ކާބޯތަކެތީގެ އަގު ބަންގްލަދޭޝްގައި އުފުލިފައިވާކަން މިސަރވޭ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ލޯނު ނަގަން އާއިލާތަކަށް މަޖުބޫރުވެފައިވާ މައިގަނޑި ސަބަބަކީ މިއީ ކަމުގައި މިސަރވޭ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

2022 ވަނަ އަހަރު ލޯނު ނަގާފައިވާ އާއިލާތަކުން މައިގަނޑު ގޮތެއްގައި ނަގާފައި ވަނީ 70،000 ޓާކާ (ސާދަހާހެއްހައި ދިވެހި ރުފިޔާ) ކަމަށާއި 2016 ވަނަ އަހަރު މިއަދަދު ހުރީ 37،000 ޓާކާ (ހަތްހާހެއްހައި ދިވެހި ރުފިޔާ) ކަމަށްވެސް މިރިޕޯޓުގައި ބުނެފައިވެއެވެ.

އާބާދީގެ ނިސްބަތުން ފަގީރުން ދުނިޔޭގައި އެންމެ ގިނަ ގައުމުގެ ގޮތުގައި އދ. އިން ކަނޑަޅާފައިވާ ގައުމަކީ ބަންގްލަދޭޝްއެވެ. ބަންގްލަދޭޝް އާބާދީގެ ބޮޑުބައެއް ގައުމުން ބޭރުގައި މަސައްކަތް ކުރަމުން އަންނައިރު މިދިޔަ މަހު އެކަނިވެސް 238 މިލިޔަން ޑޮލަރު އެގައުމުގައި ހިންގަމުން އަންނަ ބޭންކްތަކަށް މަސައްކަތްތެރިން ފޮނުވާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.