މިއަދުން ފެށިގެން، ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުތަކުން ފީ ނަގަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން "ޕޮއިންޓް އޮފް ސޭލް"ގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ނަގަންޖެހޭ ފީއެކެވެ. ގާނޫނުގެ ދަށުން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ޖެހެއެވެ.

އެ ގާނޫނުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅާއި ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އަކީ މި ގާނޫނުގެ ދަށުން ފީ ނެގުން އިސްތިސްނާވާ ތަކެއްޗެވެ.