އިޒްރޭލާއި ފަލަސްތީނުގެ ދެމެދު ވަޅޯވެފައިވާ ސުލްހައިގެ ވާހަކަތައް އަލުން ދިރުވަން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވެއެވެ.

ފޮރިން މިނިސްޓަރު ކިން ގޭންގް ވަނީ އިސްރާއީލާއި ފަލަސްތީނުގެ އިސް ޑިޕްލޮމެޓުންނާ ދެމެދު ވަކި ވަކިން ފޯނު ކޯލްތަކެއް ކުރިއަށް ގެންދަވާފައެވެ. ޗައިނާއިން ވަނީ ނޭގުމެއްގެ ތެރޭގައި ދުނިޔެ އޮތްވައި ސައޫދީ އީރާން ސުލްޙަކޮށް ދައްކާފައެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު އީލީ ކޯހެންއަށް ހޯމަ ދުވަހު ކުރެއްވި ފޯނު ކޯލެއްގައި ކިން ވަނީ "ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް" ހިތްވަރު ދެއްވާފަ އެވެ.

އަދި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލް މާލިކީއަށް ކިން ވިދާޅުވީ ވީހާވެސް އަވަހަކަށް މަޝްވަރާތައް އަލުން ފެށުމަށް ބެއިޖިން އިން ތާއީދުކުރާ ކަމަށެވެ.

ކިން ވަނީ "ދެ ދައުލަތުގެ ހައްލު" ތަންފީޒު ކުރުމުގެ މައްޗަށް ބިނާކޮށް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވާހަކަ ދައްކަވާފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތައް 2014 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓިފައެވެ.