ޙަސަންކުރުސީގެ ނަމުގައި ހިންގާ ޓުވިޓަރ އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އެ ކައުންޓެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެ ކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ކައުންޓުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކައުންޓުގެ ސަބަބުން އެތަކެއް އޮޅުމެއް ވެސް އަރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ޙަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓަރ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ކަމަށް ބައެއްފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަނޑަށް އިންތިހާއަށް ގެއްލުން ލިބެމުން އެބަދެއެވެ." ކޮމިޝަނަރ އަށް ފޮނުއްވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސަސްއިން އެ ޓުވިޓަރ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށެވެ. ޙަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ސިޔާސީ އެތައް ޓުވީޓެއް ގެންދަނީ ކުރަމުންނެވެ. އެ އެކައުންޓަކީ ރައީސް ނަޝިދުގެ އެކައުންޓެއް ކަމަށް ވަރަށްގިނަ މީހުން ދަނީ ބުނަމުންނެވެ.