މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލްއަށް ގެންދިއުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ބުޅި ހެރިފައިވަނީ "އާއިލާ ދޯނި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ކަމަށެވެ.

މީގެ އިތުރުން، ދ.ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރު 11:34 ހާއިރު ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ބަލިމީހާ ވަނީ މިއަދު 13:14 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.