ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނު ( ޤާނޫނު ނަންބަރު 02/2006 ) އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

މިޤާނޫނުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާރކެޓް ފުޅާކުރުމަށްޓަކައި، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެފަދަ އައު ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ ކަންކަން މާރކެޓަށް ތަޢާރަފްކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ސެކިއުރިޓީޒްއާގުޅޭ ކަންކަން ކުރިއަށްވުރެ ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ މިޤާނޫނުގައި ހިއްސާގެ ބާޒާރެއް ޤާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް ބަޔާންކޮށްފައިވެއެވެ. އަދި ސްޓޮކް އެކްސްޗޭންޖް ޤާއިމްކޮށް ހިންގަންވާނީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.