އަލްމަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މި ރަމަޟާން މަހު އުމްރާއަށް މީހުން ގެންދިއުމަށް ފްލައިޓް ޗާޓަރު ކުރި "ޓްރެވެލް ޓު މޯލްޑިވްސް" ކުންފުނީގެ އިތުރުން ސައޫދީ އެއާލައިންސްއަށް ވެސް ފައިސާ ނުދައްކާ ކަމަށް އިސްލާމިކް މިނިސްޓަރީއިން އިއްޔެ ހާމަކޮށްފިއެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މި ރޯދަމަހުގެ އުމްރާ އަށް ސައޫދީ އަށް ގެންދަން ފްލައިޓް ޗާޓަރު ކުރި "ޓްރެވެލް ޓު މޯލްޑިވްސް" ކިޔާ ޓްރެވެލް އެޖެންސީއަށްް ދޫކުރި ޗެކް ވަނީ ބައުންސްވެފައެވެ. ދެ ބުރެއްގެ މަތިން އުމްރާއަށް މީހުން ގެންދިޔައެވެ. "ޓްރެވެލް ޓު މޯލްޑިވްސް" މެދުވެރިކޮށް ފްލައިޓް ޗާޓަރު ޓިކެޓް ނެގުމުގެ ހަރަދަށް 141،450 ޑޮލަރު އަރާފައިވެއެވެ. އެހެންނަމަވެސް ފަހުން ދައްކާނެ ކަމަށް ބުނެ އަލްމަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކްވެސް ވީ ބައުންސްއެވެ. އެދެޗެކް ބައުންސްވި މައްސަލަ ޓްރެވެލް ޓު މޯލްޑިވްސް އިން ވަނީ އިސްލާމިކް މިނިސްޓަރީއަށް ވަނީ ހުށަހަޅާފައެވެ.

"ކޮންމެ ފަހަރަކުވެސް މާދަމާ އޭ އިންޝާﷲއޭ ބުނެ ފަސްކުރަމުން އަންނަނީ. 27ވަނަ ދުވަހު އުމްރާވެރިން އަންނަގޮތަށް ހަމަޖައްސާފައި އޮތީ. އެދުވަހާ ހަމައަށް ފައިސާ ނުލިބެންޏާ އަޅުގަނޑުމެނަށް ޖެހޭނީ ފްލައިޓް ކެންސަލް ކޮށްލަން. އޭރަށް އެތައް ބަޔަކު ރާއްޖެ ނާދެވި ތާށިވާނީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީ. އަޅުގަނޑުމެންނަކަށް 141ހާސް ޑޮލަރެއް ނުދެއްކޭނެ ދެއްތޯ. މިދައްކަނީ ކުޑަ އަދަދެއްގެ ވާހަކައެއްނޫން."

"ޓްރެވެލް 2 މޯލްޑިވްސް" އަށް އަލް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ބައުންސްވި މައްސަލައާ ބެހޭ ގޮތުން "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެމުން އެކުންފުނީގެ އޮފިޝަލަކު ބުންޏެވެ.

"އަޅުގަޑުމެން މައްސަލަ އިސްލާމިކް މިނިސްޓަރީއަށްވެސް ހުށަހަޅައިފިން. މިނިސްޓަރީއިން ވަރަށް އެއްބާރުުލުން ދެއްވާ. އެކަމަކު މަޝްއަރު ގްރޫޕުގެ އޮފިޝަލާ ގުޅުން މިނިސްޓަރީއަށްވެސް އަޅުގަނޑުމެނަކަށްވެސް ފަސޭހައެއްނޫން. އެބޭފުޅާ ހުރީ ޖިއްދާގެ ބިމުގައި. ގުޅޭ ފަހަރުގައި އިންޝާﷲ މާދަމާއޭ ބުންޏަސް އެކަމެއް ނުވޭ. 27 ވަނަ ދުވަހު އުމްރާވެރިންނަށް ނާދެވި ތާށިވެދާނެތީވެ އަޅުގަނޑުމެން އެންމެ ކަންބޮޑުވަނީ." ތަކުރާރުކޮށް ޓްރެވެލްޓު މޯލްޑިވްސްގެ އޮފިޝަލު ބުންޏެވެ.

އިސްލާމިކްމިނިސްޓަރީއިންވެސް އިއްޔެ ވަނީ މިކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ ޓްރެވެލް ޓު މޯލްޑިވްސްގެ ކަންބޮޑުވުން ހައްލުުނުވެ އޮއްވައި ސައުދީ އެއާލައިންސަށް 90،000 ޑޮލަރު ނުދައްކައި އޮތް މައްސަލަ މިވަނީ މިއަދު ފެންމަތިވެފައެވެ.

އަލް މަޝްއަރު ގްރޫޕުން ސައުދީ އެއާލައިންސް މެދުވެރިކޮށް 70 މީހުން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޓްރެވެލް ޓު މޯލްޑިވްސްގެ ފައިސާ ދެއްކުމަށް އަލް މަޝްއަރު އުމްރާ ގްރޫޕަށް ބާރު އަޅަމުންދަނިކޮށް މި 70 މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ ކަން އެނގުމުން އެފައިސާ ދެއްކުމަށްވެސް އަލް މަޝްއަރު އުމްރާ ގުރޫޕަށް ބާރު އަޅަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރީއިން ވަނީ ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެފައިވާ ގޮތުގައި އަލް މަޝްއަރު ގުރޫޕްގެ ހަވާލުގައި ގެންދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ ގެނައުމުގައި ތާށިތަކެއް އުޅެފާނެތީ އެކަމާ އިންތިހާ އަށް ކަންބޮޑުވެޑައިގަންނަވާ ކަމަށެވެ.

"މިއީ ވަރަށް ދެރަ ކަމެއް. ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ފުރަތަމަ ބަލާނީ އެ އުމްރާ ގުރޫޕަށް ލާޒިމް ކުރަން އެ މީހުން [އުމްރާވެރިން] ރާއްޖެ ގެންނަން. ދެ ދުވަހަށް އަދި ބަލާފައި ވަކި ގޮތެއް ނިންމާނީ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

30 ދުވަހުގެ އުމްރާގެ އަގަކީ 36،500 ރުފިޔާ ކަމަށް އަލް މަޝްއަރު އުމްރާ އެންޑް ހައްޖު ގްރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ ކަނޑައަޅާފައިވާއިރު، މިއީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

އިސްލާމިކް މިނިސްޓަރީ އާއި ޓްރެވެލް ޓު މޯލްޑިވްސްއާ ދެ ފަރާތުގެ ކަންބޮޑުވުމަކީވެސް އުމްރާވެރިންނަށް ރާއްޖެ ނާދެެވި ތާށިވެދާނެކަމުން ކަންބޮޑުވުމެވެ. އެކަން ހައްލު ކުރުމަށް ކަންތައްކުރާނެ ގޮތެއް އަދި މިނިސްޓަރީއަކުންވެސް ހާމަކޮށްފައެއް ނުވެއވެ.