އަވަށްޓެރި ބަންގްލަދޭޝްގައި މިމަހު ކުރީކޮޅުން ފެށިގެން އާދަޔާޚިލާފަށް ހޫނު ގަދަވަމުން އަންނާތީ ފައިދާ ކުރުވަނިވި ވާރޭ ވެއްސެވުމަށް އެދި އެތައް ސަތޭކަ މުސްލިމުން ވެރިރަށް ޑާކާގެ މަގުތަކަށް ނިކުމެ ނަމާދުކޮށް ﷲގެ ހަޟްރަތަށް ދުޢާ ދަންވައިފިއެވެ.

170 މިލިޔަނެއްހައި މީހުން ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ ހޫނުމިން މިދުވަސްވަރު ހުރީ 40 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހީޓްވޭވްތަކުގެ ސަބަބުން ޑާކާގައި ދިރިއުޅޭ ވިއްސަކަށް މިލިޔަނެއްހައި މީހުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ބަންގްލަދޭޝްގެ މީޓިއޮރޮލޮޖިކަލް ސެންޓަރުގެ އޮފިޝަލެއް ކަމުގައިވާ އަފްރޯޒާ ސުލްތާނާ އޭއެފްޕީއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ 60 އަހަރު ތެެރޭގައިވެސް މިވަރުގެ ހޫނުކަމެއް ބަންގްލަދޭޝް ތަޖުރިބާ ކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝްއަށް މިހާތަނަށް ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 2 އޭޕްރީލް 1965 ގައެވެ. އެފަހަރު 42 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކޮންމެ އަހަރު އެތައް ފަހަރަކު ފެންބޮޑުވުމުގެ ކާރިސާތައް ކުރިތިވާ ބަންގްލަދޭޝްއަކީ އާންމު ގޮތެއްގައި އޭޕްރީލް މަހާއި މެއި މަހު ވާރޭ ވެހޭ ގައުމެކެވެ.