އެޕްރީލް ފަނަރަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތިޖާ މިއަދު އިޢުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރައްވާފައިވާ އިޢުލާނުގައި ބުނެފައިވާ ގޮތުން މި އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒަށް ލިބިވަޑައިގެންނެވީ 1346 ވޯޓެވެ. އެއީ 49.96 ޕަސެންޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓް، ޙުސައިން ރިޟާއަށް ލިބިވަޑައިގެންނެވީ 1226 ވޯޓެވެ. އެއީ 45.51 ޕަސެންޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ އަރީފަށް ލިބިވަޑައިގެންނެވީ 122 ވޯޓެކެވެ. އެއީ 4.53 ޕަސެންޓެވެ.

"ވީމާ، މި އިންތިޚާބުގެ ނަތީޖާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ މެންބަރު ކަމުގެ މަޤާމަށް ޤާނޫނީ ހަމަތަކުގެ މަތިން، އިންތިޚާބުވެފައިވާ" ފަރާތަކީ އެމްޑީޕީގެ ކެންޑިޑޭޓް، ކ. ގުރައިދޫ، ފައިވް ރޯޯސް، އިބްރާހީމް ޝާޒު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވައިފައެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު ލިބިފައިވި 3423 މީހުންގެ ތެރެއިން 2755 މީހަކު ވަނީ ވޯޓު ދީފައެވެ. އެއީ 80.48 ޕަސެންޓެވެ.

ދެންއޮތީ ޝާޒު މެމްބަރު ކަމުގެ ހުވައި ކުރުމެވެ. އެކަނަ އޮތް ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.