ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިގޮތުން މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. އަދި މިދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ. މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ.
މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ.
ހަވާ އެރުވުން އޮންނާނީ އެރޭގެ 2020 ހާއިރުއެވެ. މިޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.