މިފްކޯ މިވަގުތު އޮތީ ވަރަށް ހާލުގައި ކަމަށާއި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގަކަށް މަސް ނުވިއްކޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވުމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްދު ދެއްވައިފިއެވެ.

މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް ފެލިވަރުގައި މުޒާހަރާ ކުރަމުން ދިއުމާ ގުޅިގެން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ އަށް ރައްދު ދެއްވައި ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ކުންފުނިތައް ސަރުކާރަށް ނުހިންގިގެން ބަނގުރޫޓް ވުމުން އެކަމުގެ ޒިންމާ މަސްވެރިން ނަގަން ނުޖެހޭނެކަމަށެވެ. އަދި މަސްވެރިން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަށް ހަމަ އަގުދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށާއި މިއީ މަސްވެރިންނަށް ވެފައިވާ ވައުދާ ޚިލާފަށް އިތުރު ބަހަނާ ނުދައްކައި، ވައުދު ފުއްދުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

"މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ. އެއީ ސަރުކާރުން ބަލަންޖެހޭ ކަމެއް. ކުންފުނިތައް ބަނގުރޫޓް ކޮށްލީމަ ޒިންމާ ނަގަންޖެހޭނީ މަސްވެރިންތޯ؟ މަސްވެރިންނަށް ހަމަ އަގުދީ ވައުދު ފުއްދާ! ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް." ސަލީމް ވިދާޅުވިއެވެ.

މިފްކޯގެ ހަލަތާ ގުޅޭގޮތުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފައުޒީ ވަނީ ކުންފުނީގެ ހާލަތު އެހިސާބަށް ދިޔައީ ކުރީ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކަމަށް ވިދާޅުވެފައެވެ.